Last Updated: July 3, 10:07
Friday, July 3, 2026
ޚަބަރު

މަސްތުވާތަކެއްޗާ އެކު ހަތް މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި ތަފާތު ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 22 އަހަރުގެ ދެ ފިރިހެނުންނާއި 25 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއްގެ އިތުރުން 34 އަހަރުގެ ފިރިހެނެކެވެ.

މިމީހުންގެ ތެރެއިން 34 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ސެލޯފިންކޮޅު ފެނިފައިވެއެވެ.

22 އަހަރުގެ ދެމީހުންނާއި 25 އަހަރުގެ މިހާއާއި 18 އަހަރުގެ މީހާ އާއި 19 އަހަރުގެ މީހާގެ އިތުރުން 28 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތީގެ ބޭނުންކުރަން ތިބިކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅީގެން ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައެވެ. މި އެންމެންވެސް ގެންގޮސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ލ. ގަން ތުނޑީ އަވަށު ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ބަންދުކުރުމުގެ މަސައްކަތްކުރަމުންދަނިކޮށެވެ.

މި 6 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުން އެވަގުތު ތިބި ގެ ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 195 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ދަޅެއްގެ އިތުރުން ރަބަރު ޕެކެޓްތަކަކާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ބައެއް ތަކެތި ފެނިފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 7 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ. އެގޮތުން 34 އަހަރުގެ މީހާއަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ދެންތިބި 6 މީހުންނަށްވެސް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި ދެ މައްސަލަވެސް ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.