ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ ހެކްކުރާ މީހުން 500 މިލިއަން ކަސްޓަމަރުންގެ މަޢުލޫމާތު ވަގަށް ނެގި ކަމަށް ޔާހޫއިން ބުނެފިއެވެ. މިއީ މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ސައިބާ ވައްކަމެވެ.
ވަގަށް ނެގި މަޢުލޫމާތު ތަކުގެ ތެރޭގައި ހިމެނެނީ މީހުންގެ ޒާތީ މަޢުލޫމާތުތަކެވެ. އެގޮތުން މީހުންގެ ނަންނަމާއި، އީމެއިލް އެޑްރެސްތަކާއި އަދި ސެކިއުރިޓީ ސުވާލުތަކާއި އޭގެ ޖަވާބުތައްވެސް ހިމެނެއެވެ.
މި ވައްކަން ހިނގާފައިވަނީ 2014 އަހަރު ކަމުގައިވިޔަސް، މިކަން ފާޅުކޮށްފައިވަނީ އަދި ކިރިޔާއެވެ.
ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) މިފަދަ މައްސަލައެއް ބަލަމުންދާ ކަން ޔަޤީން ކޮށްފައިވެއެވެ.
ޔާހޫއިން ބުނާ ގޮތުގައި މީހުންގެ ނަންނަމާއި، އީމެއިލް އެޑްރެސްތަކާއި، ފޯނު ނަންބަރުތަކާއި، އުފަން ތާރީޚްތަކާއި ޕާސްވޯޑްތައްވެސް ވަގަށް ނަގާފައިވާއިރު، މީހުންގެ ކްރެޑިޓް ކާޑްތަކާއި ބެހޭ މަޢުލޫމާތު ހެކްކޮށްފައިއެއް ނުވެއެވެ.
އެ ކުންފުނިން ބުނާ ގޮތުގައި މަޢުލޫމާތުތައް ވަގަށް ނަގާފައިވަނީ ސަރުކާރުން ލާރިދިން ކޮންމެވެސް މީހަކު ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އެހެންނަމަވެސް، އެއީ ކޮން ޤައުމެއްގެ ސަރުކާރެއް ކަމަށް ޔާހޫއިން ބުނެފައި ނުވެއެވެ.
2014 ވަނަ އަހަރުން ފެށިގެން ޕާސްވޯޑް ބަދަލުކޮށްފައިނުވާނަމަ، ޔާހޫގެ ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމަށްޓަކާ ޕާސްވޯޑް ބަދަލުކުރުމަށް ޔާހޫއިން އިލްތިމާސް ކުރެއެވެ.