Last Updated: July 3, 10:07
Friday, July 3, 2026
ޚަބަރު

އައްޑޫގައި ޓީއެމްއޭގެ ސީޕްލޭން ދަތުރުތައް ފަށަނީ

ފޮޓޯ: ޓީއެމްއޭ

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ކަނޑަށް ޖައްސާ މަތިންދާބޯޓުގެ ދަތުރުތައް އަންނަ ނޮވެމްބަރު މަހު އައްޑޫ ސިޓީ ގަމަށް ފެށުމަށް ނިންމައިފިއެވެ.

ޓީއެމްއޭގެ އޮފިޝަލަކާ ހަވާލާދީ "މިހާރު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަންނަ ނޮވެމްބަރު މަހު ޓީއެމްއޭގެ ސީޕްލޭން އޮޕަރޭޝަން އައްޑޫގައި ފެށުމަށް ބޭނުންވާ ބޭސްއެއް ގަމުގައި ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އަދި އެންމެ ފުރަތަމަ ޖައްސާނީ 15 މީހުންގެ ޖާގައިގެ އެއް ސީޕްލޭން ކަމަށެވެ.

އަދި ޓީއެމްއޭގެ ޓީމެއް ގަމަށް ގޮސް އެތާނގައި ޕްލެޓްފޯމާއި، ޗެކިން ކައުންޓަރުތައް ހަދައި ސެޓަޕް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެއް ބޯޓާއިއެކު އޮޕަރޭޝަން ފެށިކަމުގައިވިޔަސް، ޑިމާންޑް ބޮޑުވާ ވަރަކަށް ބޯޓުތަކުގެ އަދަދުވެސް އިތުރު ކުރާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

އަދި ހަމަ އެހެންމެ ގަމަށް އަންނަ ޓޫރިސްޓުން ރިސޯޓްތަކަށް އުފުލުމާއި ފޮޓޯ ފްލައިޓްތައްވެސް ކުރިޔަށް ގެންދާނެ ކަމަށާއި، އެކަމަށްޓަކައި އެ ސަރަޙައްދުގެ ރިސޯޓްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ޓީއެމްއޭއިން ގަސްދުކުރަނީ ގއ. އަދި ގދ. އަތޮޅުގެ ރިސޯޓްތަކަށް ފަތުރުވެރިން އުފުލައިދިނުމަށެވެ.

ޓީއެމްއޭގެ އޮފިޝަލް ވިދާޅުވީ މި އޮޕަރޭޝަނަށް ބޭނުންވާ ޕައިލެޓުންނާއި ކްރޫންނާއި އިންޖިނިއަރުންނާއި އަދި އެހެނިހެން ޓެކްނިކަލް މުވައްޒަފުން ހޯދުމަށް ވެސް އެކުންފުނިން ނިންމާފައިވާ ކަމަށެވެ.

ގަމުގެ ސީޕްލޭން އޮޕަރޭޝަން ޓީއެމްއޭއާއި ހަވާލު ކުރުމުގެ އެއްބަސް ވުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ސޮއި ކުރީ މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.