ކުރިން ދިވެހިރާއްޖޭގެ އަތޮޅެއްގެ ގޮތުގައި އޮތް މަލިކަށް ރާއްޖެއިން ސީދާ ލޯންޗުގައި ދަތުރު ކުރުމުގެ ހުއްދަ ހޯދުމުގެ މަސައްކަތް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ފަށައިފިއެވެ.
ލޯންޗުގައި މަލިކަށް ދެވޭ މަގު ފަހިކުރުމުގެ މަސައްކަތް ކުރަމުން އަންނަ އަންޑަވޯޓާ ޓްރެވެލް އެންޑް ޓުއާސްއަކީ މިހާރުވެސް ދިވެހިންނަށް މަލިކަށް ދަތުރުކުރުމަށާއި އެރަށުގައި ތިބުމަށް އެހީވެދޭ ކުންފުންޏެކެވެ.
އަންޑަވޯޓާ ޓްރެވެލް އެންޑް ޓުއާސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު އިމްތިޔާޒު ވިދާޅުވީ އެ އޮޕަރޭޝަން ފެށުމަށްޓަކައި އިންޑީއާއިން މިހާރު ވަނީ ހުއްދަތައް ލިބިފައިކަމަށާއި ރާއްޖެއިން ހުއްދަ ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއިއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މަލިކަށްދާން ޖެހެނީ އިންޑިއާގެ ކޮޗިންއަށް ދިއުމަށްފަހު 12 ގަޑިއިރުގެ ކަނޑުމަގުގެ ދަތުރެއް ކޮށްގެންނެވެ. އެހެންނަމަވެސް، ރާއްޖެއާއި މަލިކާއި ދެމެދު ސީދާ ދަތުރުތައް ފެށިއްޖެނަމަ ދެ ގަޑިއިރާއި 30 މިނެޓުން ރާއްޖޭގެ އުތުރުގެ ރަށަކުން މަލިކަށް ދެވޭނެ ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.
ވަރަށް ފަހުން ޚިދުމަތް ދޭންފެށި މި ކުންފުނީގެ ދަށުން ދިވެހި ދެ ގްރޫޕަކުން މިހާރު ވަނީ މަލިކަށް ގޮސްފައެވެ.