ކުޑަ ކުއްޖަކުގެ ހާޒިރުގައި ކާރެއްގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރަން އިން ފިރިހެނަކު ކޯޓަށް ގެންގޮސް ޖޫރިމަނާ ކޮށްފިއެވެ. މިއީ އިނގިރޭސި ވިލާތުގެ ތާރީޚުގައިވެސް މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެވެ.
އުމުރުން 28 އަހަރުގެ ޖޭކް ޑައުނިންގް ދުއްވަން އިން ވޭން ފުލުހުން ހުއްޓުވާ ބެލިއިރު، އެނާ އިނީ ކުޑަ ކުއްޖެއްގެ ހާޒިރުގައި ސިގިރެޓެއް ބޯންށެވެ.
އޮކްޓޯބަރު 2015 ގައި ތަޢާރަފްކުރި ޤާނޫނުގައިވާ ގޮތުން، 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ހުރި ވެހިކަލެއްގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ.
އެހެންނަމަވެސް، މިހާތަނަށް މި ޤާނޫން ތަންފީޒުކުރުން ވަނީ ފުލުހުންނަށް ވަރަށް އުނދަގޫ ކަމަކަށް ވެފައެވެ. މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް، މި ޤަވާއިދުގެ ދަށުން މައްސަލަތައް ރިޕޯޓް ކޮށްފައިވަނީ އެންމެ ތިން ބާރަކުންނެވެ. އެހުރިހާ މައްސަލަތަކެއްގައިވެސް، ޖޫރިމަނާއަކާ ނުލައި ހަމައެކަނި އަނގަ ބަހުން އިންޒާރު ދީފައި މައްސަލަ ދޫކޮށްލީއެވެ.
އެހެންނަމަވެސް، ފުރަތަމަ ފަހަރަށް މީހަކު ކޯޓަށް ގެންގޮސް، އޭނާ މައްޗަށް ކުށް ސާބިތުވެ އޭނާ ޖޫރިމަނާ ކޮށްފިއެވެ.