އެމެރިކާގެ ވޮޝިންގްޓަން ސްޓޭޓްގެ ޝޮޕިންގް ސެންޓަރެއްގައި ހިނގި ބަޑީގެ ހަމަލާތަކެއްގައި ހަތަރު މީހަކު މަރާލައިފިކަމަށް އެމެރިކާގެ ފުލުހުން ބުނެފިއެވެ.
އެ ހަމަލާ ހިނގާފައިވަނީ ބާލިންގްޓަންގައި ހުންނަ ކެސްކޭޑް މޯލްގައެވެ. އެ މޯލްގެ އިތުރުން ކައިރި ސަރަހައްދަތަކުގައި ހުރި އެހެން ފިހާރަތަކުން މީހުން ހުސްކޮށް، ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމަށް މެޑިކަލް ޓީމެއް ވަނީ އެތަނަށް ގޮސްފައެވެ. އެ ހަމަލާގައި ޒަޚަމްވެފައި ވަނީ ކިތައް މީހުންނަށްކަން އަދި އެނގިފައެއް ނުވެއެވެ.
އެ ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ މީހާގެ ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފައެވެ. އެ ހަމަލާ ދިނުމަށްފަހު އޭނާ ވަނީ އެތަނުން ފިލާފައެވެ.
ވޮޝިންގްޓަން ސްޓޭޓްގެ ޕެޓްރޯލް ސްޕޯކްސްޕާސަން މާކް ފްރޭންސިސް ވިދާޅުވީ އެމާޖެންސީ މެޑިކަލް ޓީމްތަކުން ޒަޚަމްވި މީހުންނަށް އެހީތެރިވުމަށް ކުށުގެ ވެށްޓަށް ދިޔަ ކަމަށާއި، އެވަގުތު އެތާގައި ތިބި މީހުން ކައިރި ޗާޗަކަށް ބަދަލުކުރި ކަމަށެވެ.
ފްރޭންސިސް ވިދާޅުވީ ފުލުހުންނަށް ދެވުނުއިރު ހަމަލާ ދިން މީހާ އެތަނުން ފިލާފައިވާ ކަމަށެވެ.