Last Updated: July 3, 07:48
Friday, July 3, 2026
ޚަބަރު

ތައިލޭންޑްގައި މަރުވެފައި އޮތް މީހަކު ފްރީޒަރެެއްގެ ތެރެއިން ފެނިއްޖެ

ތައިލޭންޑްގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބޭންގްކޮކުން މަރުވެފައި އޮތް މީހަކު ފްރީޒަރެއްގެ ތެރެއިން ފެނިއްޖެއެވެ. އެ މީހާ ފެނުނުއިރު އޮތީ ގައިގެ ގުނަވަންތައް ވަކިވެފައެވެ.

އެ މައްސަލާގައި ޕާސްޕޯޓްގެ ވައްކަން ކުރާ ގޭންގެއްގެ ތިން މީހެއްގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ތައި ފުލުހުން ބުނެފައިވެއެވެ.

ބޭންގްކޮކްގެ ސަރަޙައްދެއް ފުލުހުން ރެއިޑް ކުރީ ހުކުރު ދުވަހުއެވެ. އަދި ތިން މީހަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އެ ގޭންގުން އެއް ފުލުހެއްގެ ބަޑި ޖަހާފައިވެއެވެ. އެ ފުލުސް މީހާގެ ހާލު ރަނގަޅު ކަމަށް މަޢުލޫމާތު ލިބެއެވެ.

އެ އޮޕަރޭޝަންގައި ނަކަލުކޮށްފައިވާ އެތައް ޕާސްޕޯޓްތައްވެސް ފުލުހުންނަށް ފެނުނެވެ. ހައްޔަރު ކުރެވުނު ތިން މީހުންނަކީވެސް އިނގިރޭސި ބަހުން ވާހަކަ ދައްކާ ފިރިހެނުން ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް، އެއީ ކޮން ޤައުމެއްގެ މީހުންކަމެއް އަދި ނޭނގެއެވެ.

މަރުވެފައި އޮތް މީހާއަކީވެސް ބޭރު ޤައުމެއްގެ މީހެއްކަމަށް ތައި ފުލުހުން ބުނެއެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ކާކު ކަމެއް އަދި ނޭނގެއެވެ.

ފުލުހުން ބުނާ ގޮތުގައި ހައްޔަރު ކުރެވުނު ތިން ފިރިހެނުންގެ މައްޗަށް ފުލުހެއްގެ ގަޔަށް ބަޑި ޖަހާ މަރާލަން އުޅުނު ކަމަށާއި ރަސްމީ ޑޮކިއުމެންޓްތައް ނަކަލު ކުރުމާއި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފޮރުވަން މަސައްކަތް ކުރި ކަމުގެ ދައުވާތައް ކުރާނެއެވެ.

ކޮންމެ އަހަރަކުވެސް ތައިލެންޑްއަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު، އަސްލުނޫން ޕާސްޕޯޓްތައް ހެއްދުމުގެ ވިޔަފާރި ކަޅު ބާޒާރުގައި އިތުރު ވަމުން ދެއެވެ. އަދި ގެއްލޭ ޕާސްޕޯޓްތަކާއި ވަގަށް ނަގާ ޕާސްޕޯޓްތަކުގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ގިނަ ފަހަރަށް އެ ޕާސްޕޯޓްތައް ހޯދުމުގައި ފުލުހުން ވަނީ ނާކާމިޔާބެވެ.

ބައެއް ޕާސްޕޯޓްތައް ޑްރަގް ޓްރެފިކް ކުރާ މީހުންނަށް ވިއްކާއިރު، އަނެއްބައި ޕާސްޕޯޓްތައް ވިއްކަނީ މުސްލިމުންގެ ތެރެއިން ހަނގުރާމައަށްދާ މީހުންނަށެވެ.