Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ރޭގެ މާރާމާރީ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

ރޭ ހިތަދޫގައި ހިންގި މާރާމާރީއެއްގައި ފަސް މީހަކު ޒަހަމްކޮށްފައިވާ އިރު ހާދިސާ އާއި ގުޅިގެން އަދި މިހާތަނަށް އެެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަން މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ މާރާމާރީ އާއި ގުޅިގެން ރަށުތެރެ ބެލެހެއްޓުމުގެ ހާއްސަ ހަރަކާތެއް ރޭ ފަށާފައިވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް މާރާމާރީ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރޭގެ ހާދިސާ އާއި ގުޅިގެން ޒަހަމްވި ފަސް މީހުންގެ ތެރެއިން އެކަކު ހޮސްޕިޓަލުން ދޫކޮށްލާފައިވާ އިރު އަނެއް ހަތަރު މީހުންނަށް ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ރޭގެ މާރާމާރީ އާއި ގުޅިގެން ގެނައި ފަސް މީހުންގެ ތެރެއިން އެކެއްގެ ބޮލަށް ސީރިއަސް އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ އަތަށާއި ބުރަކައްޓަށް ބައެއް ހަމަލާ އަރާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހިތަދޫގައި ރޭ މާރާމާރީ ހިންގާފައި މިވަނީ އިންޖީނުގެއިން ރަށުގެ މަގު ބައްތި ނިއްވާލާފައި ވަނިކޮށެވެ.