އެމެރިކާގެ ވޮޝިންގްޓަން ޑީސީގައި އާ އެފްރިކަން-އެމެރިކަން ދާރުލްއާސާރެއް ރައީސް ބަރަކް އޮބާމާ ހުޅުއްވައިދެއްވައިފިއެވެ.
އޮބާމާ ވިދާޅުވީ 540 މިލިއަން ޑޮލަރުގެ ސްމިތުސޯނިއަން ނޭޝަނަލް މިއުޒިއަމް އޮފް އެފްރިކަން-އެމެރިކަން ހިސްޓްރީ އެންޑް ކަލްޗާ އަކީ އެމެރިކާއާ ބެހޭގޮތުން އާންމުކޮށް ނުދެކެވޭފަދަ ވާހަކަތަކެއް ބުނެދޭ ތަނެކެވެ.
އޮބާމާއާއިއެކު ކުރީގެ ރައީސް ޖޯޖް ބުޝްވެސް ދާރުލްއާސާރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
ރަސްމީކޮށް ދާރުލްއާސާރު ހުޅުއްވައިދެއްވުމުގެ ކުރިން، އެމެރިކާގެ އެންމެ ގިނަ ދުވަސްވީ ކަޅު ނަސްލުގެ މީހުންގެ ޗާޗުގެ ރަނގަބީލު އޮބާމާ ޖެއްސެވިއެވެ.
ހުކުރު ދުވަހު ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ، އަލަށް ހުޅުވުނު ދާރުލްއާސާރުގެ ޒަރިއްޔާއިން ކަޅު ނަސްލުގެ މީހުން މެރުމާ ދެކޮޅަށް ކޮށްފައިވާ މުޒާހަރާތަކާއި، އެކި ނަސްލުތަކުގެ މީހުންގެ މެދުގައި ޖެހުނު މައްސަލަތަކާއި ބެހޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުވެގެންދާނެ ކަމަށެވެ.
ދާދި ފަހުން އެކި ނަސްލުތަކުގެ މީހުން ކުރަމުންދާ މުޒާހަރާތައް އެމެރިކާގެ ދެ ސިޓީއެއްގައި ދަނީ ހޫނުވަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ނޯތު ކެރޮލީނާގެ ގަވަރުނަރު ވަނީ އެމެރިކާގެ ޝާލޮޓް ސިޓީގައި ކުއްލި ހާލަތުވެސް އިއުލާންކޮށްފައެވެ.
އަލަށް ހުޅުވުނު މިއުޒިއަމް ޑިޒައިންކޮށްފައިވަނީ އިނގިރޭސިވިލާތުގެ އާކިޓެކްޓް ޑޭވިޑް އަޖޭއެވެ. އަދި އެ ދާރުލްއާސާރު ހުންނަނީ ވޮޝިންގްޓަން ނޭޝަނަލް މޯލްގައެވެ.
އެ ދާރުލްއާސާރުގައި 36،000 ތަކެތިވެއެވެ. އޭގެ ތެރޭގައި އެފްރިކާގެ އަޅުން ގަތުމަށްޓަކައި ބޭނުންކުރި ތަކެތީގެ އިތުރުން 1920 ގެ ރެއިލްވޭ ކާރެއްވެސް ހިމެނެއެވެ.