Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ހިތަދޫ ބޮޑުމަގުގައި އެކްސިޑެންޓެއް ހިނގައި ދެ ޒުވާނަކަށް އަނިޔާވެއްޖެ!

ހިތަދޫ އެޅެދީދީމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ ޒުވާނަކަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.

މަންޒަރު ދުށް މީހަކު އައްޑޫލައިވަށް ކިޔައިދިން ގޮތުގައި އެކްސިޑެންޓު ހިނގަން މެދުވެރިވީ ހިތަދޫ ބޮޑުމަގުން އުތުރުން ދެކުނަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ އެހެން ސައިކަލެއްގައި ޖެހިގެންނެވެ. މިހާތަނަށް އެގިފައިވާ ގޮތުގައި އެކްސިޑެންޓްވި އެއް ސައިކަލް ދުއްވަން އިނީ ހިތަދޫ މަލާޒު މުހައްމަދު ޒާހިރުއެވެ. އަނެއް ސައިކަލްގައި ތިބީ ހިތަދޫ އަހުމަދު ޝަފީޒު، ބުލޫމީޑް، 21އ. އާއި ނޫރު ނަބީލް، ސިލްވާރލީފް 19 އަހަރުއެވެ.

އޭނާ ކިޔައިދިން ގޮތުގައި މުހައްމަދު ޒާހިރު ހިތަދޫ މަސްޖިދުއްލް ތަޤްވާއިން ނިކުމެގެން ބޮޑުމަގުން ދެކުނަށް ދުއްވަމުން ދަނިކޮށް ފަހަތުން ބާރު ސްޕީޑްގައި އައި ސައިކަލް ކޮންޓްރޯލް ނުވެ ޖެހުނީއެވެ. މި ހާދިސާގައި މުހައްމަދު ޒާހިރަށް ބޮޑު އަނިޔާއެއް ނުވާކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭނާގެ ސައިކަލަށް ބޮޑު ގެއްލުމެއް ލިބިފައިވެއެވެ.

މި އެކްސިޑެންޓުގައި ދެވަނަ ސައިކަލްގައި ތިބި ދެ ޒުވާނުންވަނީ ވިއްސައިގެން ގޮސް ތާރުގަނޑުގައި ޖެހި އަނިޔާވެފައިއެވެ. މިހާދިސާގައި އަނިޔާވި ދެމީހުން މިވަގުތުވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފަށާފައެވެ.

ހޮސްޕިޓަލުގެ އޮފިޝަލަކު ވިދަޅުވީ އަނިޔާވި ދެ ޒުވާނުންނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި ލިބިފައިވާ އަނިޔާ ބަލަމުން އަންނަ ކަމަށެވެ.