Last Updated: May 22, 06:06
Wednesday, May 22, 2024
ރިޕޯޓް

ސްރީލަންކަން ދަތުރު ފަށަން އޭއައިއޭ ވަރަށް ޕޮޒިޓިވް!

ގަމާއި ލަންކާ ދެމެދު އަންނަ ނޮވެމްބަރު މަހު ސްރީލަންކަން އެއާލައިންސުން ދަތުރުފެށުމަށް ތައްޔާރުވެފައިވާ އިރު އެކަމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އޮތީ ވަރަށް ޕޮޒިޓިވްކޮށް ކަމަށް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިއްޖެއެވެ.

އޭއައިއޭގެ ޖެނެރަލް މެނޭޖަރ އިބްތިސާމާ ސައީދު ނިމިގެން ދިޔަ ހަފްތާގައި ވިދާޅުވީ، ސްރީލަންކަންއަށް ހާއްސަ "އޮފާއެއް"ދީފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އިބްތިސާމާ ނުދެއްވައެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭއައިއޭއިން ސްރީލަންކަންއަށް ދީފައިވަނީ، ދަތުރުފެށުމުގައި، ވިޔަފާރީގެ ފައިދާއަށް ވުރެ ބޮޑަށް ދެކުނުގެ ރައްޔިތުންގެ މަންފާ ކުރާނެހެން ހުށަހަޅާފައިވާ އޮފާއެކެވެ.

އޭއައިއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިބްތިސާމާ އަކީ އައްޑޫ އާއި ދެކުނުގެ ތަރައްޤީއަަށް ވަރަށް ވިސްނަވާ ބޭފުޅެއް ކަމަށާއި، ސްރީލަންކަންއަށް އޮފާ ދީފައިވަނީ ވަރަށް ޕޮޒިޓިވް ގޮތެއްގައި ކަމަށެވެ.

މިކަމާއި ބެހޭ ގޮތުން ސްރީލަންކަންއިން ރަސްމީ ބަހެއް ބުނެފައި ނުވިނަމަވެސް އެ އެއާލައިންގެ ޖެނެރަލް ސޭލްސް އެޖެންޓް އިނާ މޯލްޑިވްސް ފިރާގު (ފިރާ) ވިދާޅުވީ އައްޑޫ އާއި ލަންކާ ދެމެދުގެ ދަތުރުތަކަށް ސްރީލަންކަން އާއި އޭއައިއޭ އޮތީ އެއްވިސްނުމެއްގައި ކަމަށެވެ.

"ދަތުރުތައް ބޭއްވުމަށް އޭއައިއޭއިން ވަނީ ފެހި ސިގްނަލް ދީފައި. ވަރަށް ޕޮޒިޓިވްކޮށް އޭއައިއޭގެ ވެރިންގެ ވިސްނުންފުޅު ހުރީ، އިރާދަ ކުރެއްވިޔާ ދެކުނުގެ ތަރައްޤީއަށް މިކަމުގެ ސަބަބުން ބޮޑު މަންފާއެއް ލިބިގެންދާނެ"

ފިރާ ވިދާޅުވީ ދަތުރު ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެއާލައިންއިން ކުރަމުން އަންނަކަމަށެވެ.

"ދަތުރު ފެށުމުގެ ތައްޔާރީތައް މިދަނީ ކުރަމުން. ވަރަށް އަވަހަށް ދެފަރާތުންގެ އިސްވެރިންގެ ބަސް އިވިގެންދާނެ"

ގަމުގެ ވައިގެ ބަނދަރުގެ ރަންވޭގެ މަސައްކަތާއި ސްޕްލޭން ބޭސްގެ މަސައްކަތް ނިމި އަންނަ މަހު އޭއައިއޭ އާއި ހަވާލު ކުރާއިރު ނޮވެމްބަރު މަހު ސީޕްލޭންގެ ހިދްމަތް ފެށުމަށް ޓީއެމްއޭއިން އަންނަނީ ތައްޔާރު ވަމުންނެވެ.

ގަމާއި ލަންކާ އާއި ދެމެދު ދަތުރު ފެށުމުގެ އިންތިޒާރުގައި ދެކުނުގެ ރައްޔިތުން މިހާރު ތިބީ ކެތްމަދުވެފައެވެ.