Last Updated: June 28, 06:55
Sunday, June 28, 2026
ކުޅިވަރު

ނިއު ބަލިކޮށް ޓީސީ ދެވަނަ އަށް ޖެހިލައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު 0-2 އިން ޓީސީ ކާމިޔާބުކޮށްފިއެވެ.

އަލީ ފާސިރު(ސެންޓޭ)ގެ މޮޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެން ގޮސްފައިވާއިރު އޭނާ އަކީ މެޗުގައި ފެނިގެންދިޔަ ދެ ގޯލުވެސް ކާމިޔާބުކުރި ކުޅުންތެރިޔާއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ނިއުގެ ފަރާތުން ފެނިގެން ދިޔަ ނަމަވެސް ޓީސީ އިންވަނީ ޑިފެންސުގައި ވަރުގަދަކޮށްފައެވެ. ކައުންޓާގައި ރަނގަޅު ކުޅުމެއް ދައްކައި، މެޗުގެ ތެރެއަށް ވެދެ، ޓީސީ ވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް މެޗުގެ ލީޑު ނަގާފައެވެ.

ދެވަނަ ހާފުގައި ޓީސީ އިން ވަނީ މުޅިން ގޭމް ބަދަލުކޮށް ނިއުއަށް އެއްވެސް ވަރަކަށް ކުޅުމުގެ ފުރުސަތު ނުދީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި އެޓޭކު ވަރުގަދަ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން 66 ވަނަ މިނެޓުގައި ސެންޓޭ ވަނީ އޭނާގެ ދެވަނަ ގޯލާއެކު ލީޑު ފުޅާކޮށްފައެވެ.

ގޯލަށް ފަހުވެސް ސެންޓޭ އަދި ޓީމުގެ އެހެން ކުޅުންތެރިންނަށްވެސް ނަތީޖާ ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ. ހާއްސަ ގޮތެއްގައި މެޗު ނިމެން ކައިރިވެފައި ވަނިކޮށް ނިއުގެ އޭރިޔާ ތެރެއިން ސެންޓޭ އަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާ ގޯލަށް ފޮނުވި ބޯޅަ ވަނީ ހުރަސްދަނޑި މަތިން ބޭރަށް ގޮސްފައެވެ.

މިމެޗުން މޮޅުވެ ޓީސީއަށް ލިބުނު ތިން ޕޮއިންޓާއެކު އެމީހުންވަނީ ކުޅުނު 18 މެޗުން 33 ޕޮއިންޓު ހޯދާފައެވެ. ތާވަލުގެ ދެވަނައިގައި އޮތް އީގަލްސް ވިކްޓަރީ އާ ދެކޮޅަށް ކުޅުނު މެޗުގައި ބަލިވެ، ޓީސީ މޮޅުވުމުން އީގަލްސް ފަހަތަށް ޖައްސާލެވުނެވެ. 18 މެޗުން އީގަލްސްއަށް ލިބިފައިވަނީ 32 ޕޮއިންޓެވެ.

މިފަހަރުގެ ދިވެހި ލީގުގެ އެއްވަނަ މާޒިޔާ ސްޕޯޓްސް އިން ވަނީ މިހާރު ކަށަވަރުކޮށްފައެވެ. 18 މެޗުން މާޒިޔާ ވަނީ 43 ޕޮއިންޓު ހޯދާފައެވެ. ބާކީ ހުރި މެޗުތަކުގައި އެހެން ޓީމަކަށް މާޒިޔާ ދެން ވައްޓައެއްނުލެވޭނެއެވެ. މާޒިޔާއަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޗެމްޕިއަން ކަމާއެކު ޖާގަ ލިބޭ އިރު ލީގުގައި ދެވަނައަށް ނިންމާ ޓީމަށްވެސް މިފުރުސަތު ލިބޭނެއެވެ.