Last Updated: July 3, 07:48
Friday, July 3, 2026
ޓެކްނޮލޮޖީ

އިންޑިއާގައި ގޫގުލްގެ ހިލޭ ވައިފައި ނެޓްވޯކެއް

ގޫގުލްގެ ޚިދުމަތްތައް ބޭނުންކުރާ މީހުންގެ އަދަދު އިތުރު ކުރުމުގެ މަޝްރޫޢުގެ ތެރެއިން އިންޑިއާގައި ޕަބްލިކް ވައިފި އިންޓަނެޓުގެ ޕްލެޓްފޯމެއް ޤާއިމްކުރަން ގޫގުލްއިން ނިންމައިފި އެވެ.

ގޫގުލް ސްޓޭޝަންގެ ނަމުގައި، މި ޚިދުމަތުގެ ދަށުން ވައިފައި ހޮޓްސްޕޮޓްތައް އެކިއެކި ހިސާބުތަކުގައި ޤާއިމްކުރެވޭނެއެވެ. އަދި ގޫގުލްއިން ރާވަނީ މި ޚިދުމަތް ބާޒާރުކުރާ މޯލްތަކަށާއި ކެފޭތަކަށްވެސް ފުޅާކުރުމަށެވެ.

ގޫގުލްއިން މިހާރުވެސް ދަނީ އިންޑިއާގެ 52 ރެއިލްވޭ ސްޓޭޝަންތަކުގައި އަވަސް ސްޕީޑްގައި ހިލޭ ވައިފައި ދެމުންނެވެ.

މި އަދަދު މި އަހަރު ނިމޭއިރު 100 އަށް އަރާނެކަމަށް މަޢުލޫމާތު ލިބެއެވެ.

ގޫގުލްގެ ރަސްމީ ބްލޮގުގައި ޗީފް އެގްޒެކެޓިވް ސުންދަރު ޕިޗާއި ވިދާޅުވީ އެ ޕްރޮޖެކްޓަކީ، ބޭނުންކުރާ މީހުންގެ ނިސްބަތުން ބަލާއިރު އިންޑިއާގެ އިތުރުން މުޅި ދުނިޔޭގެވެސް އެންމެ ބޮޑު ޕަބްލިކް ވައިފައި ޕްރޮޖެކްޓަށް ވެގެންދާނެ ކަމަށެވެ.

"އެންމެ ފުރަތަމަ 100 މަރުކަޒުގެ ޒަރިއްޔާއިންވެސް، މި ޕްރޮޖެކްޓް 10 މިލިއަންއަށްވުރެ ގިނަ މީހުންނަށް ވައިފައި ފޯރުކޮށްދޭނެ"، އޭނާ ލިޔުނެވެ.

ފަށާއިރު ހިލޭދެވޭ ޚިދުމަތަކަށް ވިޔަސް، އަދި ފަހުން އެ ޚިދުމަތަށް ގޫގުލްއިން ޗާޖުކުރާނެއެވެ.

އެ މަޝްރޫޢުގެ އަމާޒަކީ ޖުމްލަ 400 މަރުކަޒު ޤާއިމްކުރުން ކަމަށްވާއިރު، މުސްތަޤުބަލުގައި ޝޮޕިންގް މޯލްތަކާއި ކެފޭތައް އަދި އެހެނިހެން ތަންތާނގައިވެސް އެ ޚިދުމަތް ޤާއިމްކުރުމަށް ގޫގުލްއިން ވިސްނައެވެ.

ގޫގުލްގެ "ނެކްސްޓް ބިލިއަން ޔޫޒާސް" ގެ ނައިބު ރައީސް ސީޒާ ސެންގުޕްތާ ވިދާޅުވީ ކޮންމެ ސިކުންތަކު 3 އިންޑިއާގެ ރައްޔިތުން އޮންލައިންވާ ކަމަށާއި، އެމީހުންގެ ތަޖުރިބާއަކީ ރަނގަޅު ތަޖުރިބާއަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

index

"އެކަމަކު ދެން އަންނަ ބިލިއަން ފުރަތަމަ ބިލިއަންއަށްވުރެ ވަރަށް ތަފާތުވާނެ. އެ މީހުންނަށް އަމާޒުކޮށްގެން ޕްރޮޑަކްޓް އުފައްދުމަކީ ކުރިއަށް އޮތް މުސްތަޤުބަލުގައި ދުނިޔެ ޓެކްނޮލޮޖީގެ ބޭނުން ކުރާނެގޮތަށް އަހަރެމެން ތައްޔާރު ކޮށްދޭ ކަމެއް"، އޭނާ ވިދާޅުވިއެވެ.

ބޮޑެތި ޓެކް ކުންފުނިތަކަށް އިންޑިއާއަކީ ވަރަށް ގިނަ ފުރުސަތުތައް ހުޅުވައިދޭ ތަނެކެވެ. މިހާރު ގާތްގަނޑަކަށް 350 މިލިއަން އިންޑިއާ ރައްޔިތުން އޮންލައިންގަ ތިބިއިރު، މި އަދަދު ކުރިއަށް އޮތް ތިން އަހަރު ދުވަސްތެރޭގައި 600 މިލިއަންއަށް އަރާނެކަމަށް ލަފާކުރެވެއެވެ.

ގޫގުލް ސްޓޭޝަން ކުރިއަށް އޮތް ތަނުގައި އިންޑޮނޭޝިއާއާއި ފިލިޕިންސްގައި ތަޢާރަފް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.