ކޮންމެ މީހަކުވެސް ދުނިޔެ ދެކިލުމަށާއި ރީތި ތަންތަނަށް ޒިޔާރަތްކުރަން ބޭނުންވާނެކަން ޔަޤީނެވެ. އެހެންނަމަވެސް، ދާނެ ތަންތަން އެހާ ގިނަ އިރު، ދާންވީ ކޮންކޮން ތަނަކަށްކަން ނިންމާނީ ކިހިނެއް ހެއްޔެވެ؟ ތިރީގައި މިވަނީ މުޅި ދުނިޔެއިންވެސް ނަގާލެވޭ އެންމެ ރީތި ތަންތަނުގެ ލިސްޓުގައި ހިމެނޭ 10 ތަނެވެ.
1.ވައިޓްހޭވެން ބީޗު، އޮސްޓްރޭލިއާ

ވައިޓްހޭވެން ބީޗަކީ ހުދު ދޮންވެއްޔަށް މަޝްހޫރު ތަނެކެވެ. 7 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި ބީޗު އޮންނަނީ ވިޓްސަންޑޭ އައިލެންޑްގައެވެ. އެއާލައި ބީޗު، ޝިއުޓް ހާބަރު އަދި ހެމިލްޓަން އައިލެންޑްގެ ޕޯޓުތަކުން އެ ރަށަށް ބޯޓުގައި ދެވެއެވެ. ސީއެންއެން އިން ވަނީ އެ ބީޗަށް ދުނިޔޭގެ އެންމެ ތިމާވެއްޓާއި ރަށްޓެހި ބީޗުގެ ލަޤަބު ދީފައެވެ. އެ ގޮނޑުދޮށުގައި ކުއްތާތައް ގެނައުމާއި ސިގިރެޓް ބުއިން މަނަލެވެ.
2. ވެސްޓިން މައުއީ ރިސޯޓް އެންޑް ސްޕާ، ހަވާއީ

ވަރަށް ހިތްގައިމު ލޮބީއަކާއި ވޯޓާފޯލްތަކާއި ޕޫލްތައް ކައަނަޕަލީ ރިސޯޓަށް އަންނަ މެހެމާނުންނަށް މަރުހަބާ ކިޔާނެއެވެ. އެ ރިސޯޓުގެ ވަށައިގެންވަނީ ހުސް ރީތިކެމެވެ. ޚިދުމަތްވެސް ރަނގަޅު ރިސޯޓަކަށްވެފައި، ވަރަށް ފެންވަރުގެ ސްޕާއަކާއި ސްވިމިންގް ޕޫލްތަކަކީ މި ރިސޯޓްގެ ޚާއްސަ ކަމެވެ. ދަ ވެސްޓިން މައުއީ ރިސޯޓް އެންޑް ސްޕާ، ކައަނަޕަލީއަކީ ޗާލު، ރީތި ހުދު ދޮންވެލީގެ ކައަނަޕަލީ ބީޗުގައި ޤާއިމްކުރެވިފައިވާ ރިސޯޓެކެވެ.
3. ދަ ފެއަރީ ޕޫލްސް އޮން ދަ އައިލް އޮފް ސްކައީ – ސްކޮޓްލޭންޑް

ސްކޮޓްލޭންޑްގެ އައިލް އޮފް ސްކައީއަށް ދާނަމަ އެންމެ ރަނގަޅުވާނީ އެތަނުގެ ފެއަރީ ޕޫލްސްއަށް ޒިޔާރަތްކުރުމެވެ. ދަ ފެއަރީ ޕޫލްސް ހުންނަނީ އައިލް އޮފް ސްކައީގެ ކުއިލިން ހިލްސްގައެވެ. ދަ ފެއަރީ ޕޫލްސް އަކީ ސާފު، ފިނި ޕޫލްތަކާއި ވޯޓާފޯލްތަކަށް ޖުމްލަކޮށް ދެވިފައިވާ ނަމެކެވެ.
4. މާބުލް ކެވާންސް އޮފް ކަރޭރާ ލޭކް، ޗިލީ

ޗިލީގެ ޕެޓެގޯނިއާގައި ހުންނަ އެޒުއާ ޓެމްޕަލް، ލޭކް ޖެނެރަލް ކަރޭރާ އަކީ ދުނިޔޭގެ އެންމެ ރީތި ހޮހޮޅަ ނެޓްވޯކްގެ ނަން ދެވިފައިވާ ޤުދުރަތީ އަޖައިބެކެވެ. ޤުދުރަތީ ގޮތުން ހެދިފައިވާ ފެން ހުންނައަޒުއާ ޓެމްޕަލްގެ މާބުލް ހޮހޮޅަތަކުގެ ފާރުތަކަށް ބެލުމުން ދުނިޔޭގެ ޖޯގްރަފީގެ ފުރިހަމަކަން އެނގިގެންދާނެއެވެ.
5. ދަ ޝަހާރާ ބްރިޖު، ޔަމަން

މި ބްރިޖް ބިނާކުރެވުނީ 17 ވަނަ ޤަރުނުގައި ފަރުބަދަތަކުގެ މަތީގައި ހުންނަ ރަށްތައް ގުޅުވާލުމުގެ ގޮތުންނެވެ. އެއީ ތުރުކީގެ ހިސާރުވެރިންނާ ޔަމަނުން ހަނގުރާމަ ކުރުމަށްޓަކައެވެ. ކިތަންމެ ބިރުވެރި ބްރިޖަކަށް ވިޔަސް، މި ބްރިޖަކީ ފަތުރުވެރިންގެ ތެރޭގައި ވަރަށް މަޤްބޫލް ތަނެކެވެ.
6. އަވަސު ފޯލްސް، ގްރޭންޑް ކެންޔަން ނޭޝަނަލް ޕާކް

އަވަސު ފޯލްސްއަކީ ދުނިޔެ މަތީގައިވާ ސުވަރުގެއެވެ. މި ރީތި، ހައިރާންކުރުވަނިވި ފެންއާރު ހުންނަނީ އެރިޒޯނާގެ އެކަހެރި ކެންޔަންއެއްގައެވެ. މި ފެންއާރުތަކާއި، ތަހުޒީބީ ދުނިޔެއިން އެކަހެރިވެފައިވާ އަވަސުޕާއި އިންޑިއަން ރިޒަވޭޝަންގެ މީހުން ބަލައިލުމަށް ކޮންމެ އަހަރަކުވެސް އެތައް ފަތުރުވެރިންނެއް އާދެއެވެ. އަވަސުޕާއިގެ މީހުން ވަރަށް ފުންކޮށް ފެނާއި ބިމަށް ލޯބިކުރެއެވެ. އެ ފެހިނޫ ފެނަކީ އެމީހުންނަށް މުޤައްދަސް އެއްޗެކެވެ.
7. ފިއާއުޖުފުރު ކެންޔަން، އައިސްލޭންޑް

އައިސްލޭންޑްގެ ދެކުނު އިރުމަތީގައި އޮންނަ މި ކެންޔަންއަކީ 100 މީޓަރު ފުން އަދި ދެ ކިލޯމީޓަރު ދިގު، އޭގެތެރެއިން ފެންއާރެއް ހިނގަހިނގައި އޮންނަ ކެންޔަންއެކެވެ. މި ކެންޔަން ހުންނަނީ ރިންގް ރޯޑް ކައިރީގައެވެ. މި ކެންޔަން އުފެދުނީ އައިސްފެންގަނޑުތަކުން އޮހޮރެމުންދިޔަ ފެނުގެ ސަބަބުން ފަސްގަނޑު ގިރުމުގެ ސަބަބުން އެތައް މިލިއަން އަހަރަކުންނެވެ.
8. އަރަން ކެލް، ނީލަމް ވެލީ – ކަޝްމީރު

މި ރީތި، ފެހި އަވަށް އޮންނަނީ ކަޝްމީރުގެ ނީލަމް ވެލީގެ ފަރުބަދައިގެ އެންމެ މަތީގައެވެ. އެއީ ގާތްގަނޑަކަށް ނީލަމް ކޯރަށްވުރެ 1500 ފޫޓު މަތީގައެވެ. މި އަވަށްވަނީ ރީތި މަންޒަރުތަކުން ފުރިފައެވެ. އެފަދަ ރީތި ތަނެއް ކަޝްމީރުން ދެން ނުފެންނާނެއެވެ. އަރަންގް ކެލް ބަލާލުމަށްޓަކާ ނީލަމް ވެލީއަށް ޒިޔާރަތްކޮށްލަށްވާށެވެ.
9. ދަ ޑާކް ހެޖެސް، ނޮދަން އަޔަލޭންޑް

ރީތި ބީޗު ގަސްތަކުން ފުރިގެންވާ މި ސަރަޙައްދުގައި އެގަސްތައް 18 ވަނަ ގަރުނުގައި އިންދީ ސްޓުއާޓް އާއިލާއިންނެވެ. ދަ ޑާކް ހެޖެސްއަކީ ނޮދަން އަޔަލޭންޑްގައި އެންމެ ގިނައިން ފޮޓޯނެގިފައިވާ ޤުދުރަތީ މަންޒިލެވެ. އަދި ގިނަ އަދަދެއްގެ ފަތުރުވެރިން އެތަނަށް ޒިޔާރަތްކުރެއެވެ. އެ ގަސްތައް އިންދުމުގެ ހަޤީގީ ބޭނުމަކީ އަންނަ މެހެމާނުންގެ ލޮލަށް ރީތި މަންޒަރެއް ހެދުމެވެ.
10. މާސާ މެޓްރާ، މިޞްރު

މާސާ މެޓްރާއަކީ މިޞްރުގެ ވަރަށް މުހިންމު ފަތުރުވެރިންގެ މަންޒިލެކެވެ. އެއީ ޔޫރަޕްގެ މީހުންނަށް ހޫނު މޫސުމުގައި ފަސޭހައިން ޒިޔާރަތްކޮށްލެވޭ ރިސޯޓެކެވެ. އެތަނަށް ދެވެނީ މާސާ މެޓްރާ އެއާޕޯޓުންނެވެ. އެ ސިޓީ މަޝްހޫރުވެފައިވަނީ ހުދު މަޑު ދޮންވެއްޔަށާއި، މަޑުމައިތިރި ދެފުށްފެންނަ މޫދަށްޓަކާއެވެ.