ސެމްސަންގްއިން ގެލެކްސީ ނޯޓް 7 ގެ ފޯނުތައް ދެކުނު ކޮރެއާގައި އަލުން ވިއްކަން ފަށައިފިއެވެ. އަދި އެ ފޯނުތައް ޔޫރަޕަށް އަނބުރާ ދާނީ އޮކްޓޯބަރު 28 ގައެވެ.
ބައެއް ކަސްޓަމަރުންގެ ފޯނުތައް ޗާޖުކުރަނިކޮށާއި ޗާޖު ކުރުމަށްފަހު ގޮވިކަމުގެ ޝަކުވާތައް ލިބުމުން އެ ކުންފުނިން ވަނީ ފޯނުތައް ކުންފުންޏަށް ރައްދުކުރުމަށް އެދިފައެވެ.
ސެމްސަންގްއިން ބުނީ ފޯނުތައް ގޮވަން ދިމާވި ފޯނުތަކުގެ ބެޓަރިއަށް ޖެހުނު މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ފޯނުތައް ގޮވާ ކަމުގެ ޚަބަރު ފެތުރުމުގެ ކުރިން ސެމްސަންގްއިން ވަނީ ގާތްގަނޑަކަށް 2.5 މިލިއަން ގެލެކްސީ ނޯޓް 7 ގެ ފޯނުތައް ދުނިޔޭގެ އެކި ކަންކޮޅިތަކުގައި ވިއްކާފައެވެ.
ދެކުނު ކޮރެއާގައި ވިކުނު ފޯނުތަކުގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ ފޯންތައް ވަނީ އަނބުރާ ކުންފުންޏަށް ދީފައެވެ.
ޔޫރަޕާއި އުތުރު އެމެރިކާގައި އެ އަދަދު ކުޑަވިޔަސް، 50 އިންސައްތަ އަށްވުރެ މައްޗެވެ.
މަޢުލޫމާތު ލިބޭގޮތުގައި ފޯނު ރައްދުކުރާ މީހުންގެ ތެރެއިން 95 އިންސައްތަ މީހުން އަނެއްކާވެސް ގަންނަނީ ހަމަ ސެމްސަންގް ބްރޭންޑްގެ ފޯނެކެވެ. އެއީ ކަސްޓަމަރުންގެ ވަފާދާރުކަމުންނާއި އެ ކުންފުންޏަށް ކުރާ އިތުބާރެއްގެ ސަބަބުން ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
އެހެންނަމަވެސް، ސީދާ އަދަދު ނޭނގޭ ވަރުގެ ބޮޑު ގެއްލުމަށް އެ ކުންފުންޏަށް ވަނީ ވެފައެވެ.
ސެމްސަންގްގެ ފައިދާ ވަނީ އެޕަލްއިން ނެރުނު އައިފޯން 7 ގެ ސަބަބުން ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
އަދި އެ ބްރޭންޑްގެ ނަންވެސް މުޅިން ކިލަނބުވެއްޖެއެވެ. ސެމްސަންގްއިން ވަނީ އެ ކުންފުނިން ނެރޭ ފޯނުތަކުގެ ގިނަ ބައިތައް ސީދާ އެ ކުންފުނީގެ އަމިއްލަ މަސައްކަތުން ހެދުމުގައި މަޝްހޫރުވެފައެވެ. ވާދަވެރި އެހެން ކުންފުނިތައްހާ ގިނައިން ސެމްސަންގް އެ ކުންފުނީގެ އުފެއްދުންތައް ހެދުމަށް އެހެން ފަރާތްތަކާއި ހަވާލު ނުކުރެއެވެ.
ނަމަވެސް، އެ ކުންފުނިން އިޝްތިހާރުކުރާ މޮޅު ކޮލިޓީއާއިމެދު މިހާރު ޝައްކު އުފެދެއެވެ.
ގިނަ އަދަދެއްގެ ފޯންތައް ކުންފުންޏަށް ރައްދު ކުރެވިފައިވާއިރު، އަދިވެސް ގިނަ އަދަދެއްގެ ފޯންތައް ކަސްޓަމަރުންގެ އަތުގައި ވެއެވެ.
ގިނަ އަދަދެއްގެ އެއާލައިންތަކުންވެސް ވަނީ ސެމްސަން ގެލެކްސީ ނޯޓް 7 ގެ ފޯންތައް ފްލައިޓްތެރޭގައި އޮން ކުރުމާއި ގެންގުޅުން މަނާކޮށްފައެވެ.
އެހެންނަމަވެސް، އަލުން އެ ފޯންތައް ބާޒަރަށް ނެރުމުގެ ސަބަބުން، އެއާލައިންތަކުން އެ ޤަވާއިދު ބާތިލްކޮށްފާނެ ބާވައެވެ؟
ޗައިނާގެ ބާޒާރުގައި އައިފޯނަށް އޮތް ތާއީދު ވަރަށް ބޮޑެވެ. ޗައިނާގެ އުފެއްދުންތަކާއި އެޕަލްގެ އުފެއްދުންތަކުގެ ދެމެދުގައި ސެމްސަންގް ވަނީ ތާށިވެފައެވެ.
އެފަދަ ވާދަވެރި ބާޒާރެއްގައި، ގޮވާފާނެ ކަމުގެ ބިރު އޮންނަ ބެޓަރިތަކަކަށް މާ ބޮޑު ޖާގައެއް ނެތެވެ.