Last Updated: July 3, 06:26
Friday, July 3, 2026
ޚަބަރު

ހަވާއީގެ ކުޅަނދުރުތައް ނެތިދާނެކަމުގެ ބިރު

ފޮޓޯ: އޭޕީ

ހަވާއީއަށް ނިސްބަތްވާ ހަތް ވައްތަރެއްގެ "ޔެލޯ-ފޭސްޑް" ކުޅަނދުރުތަކެއް އެމެރިކާގެ ދުނިޔެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ލިސްޓަށް އަރައިފި އެވެ.

މިއީ އެ ލިސްޓަށް ކުޅަނދުރު އެރި އެންމެ ފުރަތަމަ ފަހަރެވެ.

ތިމާވެށި ހިމާޔަތްކުރާ މީހުން ބުނަނީ އެ ކުޅަނދުރުތަކުގެ ތިމާވެށި ގެއްލުމާއި، ޖަންގަލިތަކުގައި ހިނގާ ބޮޑެތި އަލިފާނުގެ ހާދިސާތަކާއި އަދި އެހެން ބާވަތްތަކުގެ ސޫފާސޫފިއާއި ގަސްތައް ކުޅަނދުރުތައް އުޅޭ ތިމާވެއްޓަށް ތަޢާރަފްކުރުމަކީ އެ ކުޅަނދުރުތައް ދުނިޔެއިން ނެތިދާނެ ކަމުގެ ބިރު ހީވާ ސަބަބުތަކެވެ.

އެ ކުޅަނދުރުތަކަކީ ހަވާއީގެ ދުނިޔެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ގަސްތައް އާލާކުރުމަށްޓަކައި އެގަސްތައް "ޕޮލިނޭޓް" ކުރުމަށް ކޮންމެހެން ބޭނުންވާ ސޫފިތަކެކެވެ.

މި ކުޅަނދުރުތައް އެ ލިސްޓުގައި ހިމަނާފައިވަނީ ޒާސިސް ސޮސައިޓީ ކޮންސަވޭޝަން ގްރޫޕުން އެތައް އަހަރުތަކެއް ވަންދެން ކޮށްފައިވާ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށެވެ.

ޒާސިސްގެ ދުނިޔެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ޖަނަވާރުތަކާއި ފެނުގައި އުޅޭ ޖަނަވާރުތަކާއި ބެހޭ ޕްރޮގްރާމްތަކުގެ ޑިރެކްޓަރު، ސެރީނާ ޖެޕްސަން ވިދާޅުވީ "ޔެލޯ-ފޭސްޑް" ކުޅަނދުރުތައް ދުނިޔޭގެ އެހެން ހިސާބުތަކުން ފެންނަކަމުގައި ވިޔަސް، މިހާރު ހިމާޔަތްކުރެވިފައިވާ ވައްތަރަކީ ހަވާއީއަށް އުފަން ކުޅަނދުރުތަކެއް ކަމަށާއި އެ ކުޅަނދުރުތަކަކީ ހަވާއީއަށް އުފަން ގަސްތައް "ޕޮލިނޭޓް" ކުރާ ކުޅަނދުރުތައްކަމަށެވެ.

އެހެން ވައްތަރުގެ ކުޅަނދުރުތަކަށްވެސް އެގަސްތައް ޕޮލިނޭޓް ކުރެވިދާނެއިރު، ޖެޕްސަން ވިދާޅުވީ އެތަނަކަށް އުފަން ކުޅަނދުރުތައް މުޅިން މަރުވެއްޖެނަމަ ވަރަށް ގިނަ ވައްތަރުތައް ދުނިޔެއިން ނެތިދާނެކަމަށެވެ.

އޭނާ އެސޯސިއޭޓެޑް ޕްރެސްއަށް މަޢުލޫމާތު ދިން ގޮތުގައި އޫރުތަކާއި ބައެއް ވައްތަރުގެ ހިނިތަކަކީ އެ ކުޅަނދުރުތަކަށް ހުރި ނުރައްކަލެއް ކަމަށެވެ.

ޒާސީސްއާއި އެކު މަސައްކަތް ކުރި އެންޓމޮލޮޖިސްޓަކު ވިދާޅުވީ އެ ލިސްޓު އެކުލަވާލަން ގާތްގަނޑަކަށް 10 އަހަރު ނެގިކަމަށެވެ.

"އެންމެ ފަހުން އެކަމުގެ މޭވާ ފެންނާތީ ވަރަށް އުފާވޭ"، އޭނާ ވިދާޅުވިއެވެ.