އިނގިރޭސި ޕްރިމިއާ ލީގުގައި އާސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑަށް ލީގުގައި ހަމަޖެހިލާން ލިބުނު ފުރުސަތު ގެއްލުވާލައިފިއެވެ.
ސްޓޯކް ސިޓީއާ ދެކޮޅަށް ޔުނައިޓެޑު އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލަނޑު ޖަހާނެ ގިނަ ހުސްފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން އިބްރަހިމޮވިޗާއި ޕޮގްބާ އަދި ލިންގާޑަށް ލިބުނު ފުރުސަތުތައް ފާހަގަކުރެވެއެވެ.
ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމިފައިވާއިރު ސްޓޯކް ސިޓީއިންވެސް ވަނީ މަދު ހަމަލާތަކެއް ޔުނައިޓެޑު ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް ސްޓޯކް ކުޅުންތެރިން ފޮނުވި ހަމަލާ މަތަކުރުމަށް ކީޕަރު ޑެހެއާއަށް މާބޮޑު ކަމަކަށްވެފައިނުވެއެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ޔުނައިޓެޑުން ދިޔައީ ތަކުރާރުކޮށް ހަމަލާ ގޯލަށް ފޮނުވަމުންނެވެ. ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް ގޯލު ލައިނު ފަހަނަޅާ ބޯޅަ ފޮނުވާލެވޭނެ ގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ އެގާރައަށް ގޯލެއް ކާމިޔާބު ނުކުރެވުމުން 65 ވަނަ މިނެޓުގައި ކޯޗު މޮރީނިއޯ ވަނީ މަޓާ އަދި ލިންގާޑުގެ ބަދަލުގައި ރޫނީ އަދި މާޝިއަލް ކުޅެން ނެރެފައެވެ.
ނަތީޖާއެއްގެ ގޮތުން މާގިނައިރުތަކެއް ނުވެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެންތޮނީ މާޝިއަލް ވަނީ ރީތި ގޯލެއް ސްޓޯކް ކީޕަރު ގްރާންޓްއަށް މަތަނުކުރެވި ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ޔުނައިޓެޑު ލީޑު ފުޅާ ކުރަން މަސައްކަތް ކުރަމުން ދަނިކޮށް ސްޓޯކް އިން ވަނީ ކައުންޓާއެޓޭކުގައި ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
ކީޕަރާއި ޑިފެންސް ލައިނުގައި ހަރަކާތްތެރިވި ކުޅުންތެރިންނަށް ބޯޅަ ރަނގަޅަށް ދިފާއު ނުވުމުގެ ސަބަބުން ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައިބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައިވަނީ ޖޯ އެލެންއެވެ.
ގޯލަަށް ފަހު ޔުނައިޓެޑު ކުޅުންތެރިންވަނީ ކެނޑިނޭޅި ބާކީ އޮތް 9 މިނެޓު ތެރޭ ގޯލެއް ޖެހުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އިބްރަހިމޮވިޗް ފޮނުވާލި ބޯޅަ ކީޕަރު ގްރާންޓް މަތަކޮށްފައިވާއިރު ޕޮގްބާ ބޮލުން ޖެހި ބޯޅަ އަމާޒުވެފައިވަނީ ގޯލުގެ މަތީ ދަގަނޑަށެވެ.
މެޗުން އެއްވަރުވުމުގެ ސަބަބުން ޔުނައިޓެޑު އޮތީ ތާވަލުގެ ހަވަނައަށް އަނެއްކާވެސް ވެއްޓިފައެވެ. ޔުނައިޓެޑުގެ ފަހަތުން 7 ވަނައިގައި އޮތީ އެއްވަރަކަށް ޕޮއިންޓު ލިބިގެން، 13 ޕޮއިންޓާއެކު ޗެލްސީއެވެ.