Last Updated: May 4, 18:12
Saturday, May 4, 2024
ޚަބަރު

ވެސްޓަން ޔުނިއަން އޮފީހުން ފައިސާތަކެއް ފޭރިގެންފި

ވެސްޓާން ޔޫނިއަންގެ އޮފީހުގައި ފުލުހުން ހަރަކާތްތެރިވަނީ -- ވީފޮޓޯ: އަލީ ސުލައިމާން

މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވެސްޓަން ޔޫނިއަން މަނީޓްރާންސްފާ އިން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފިއެވެ.

ރޭ 12:45 ހާއިރު ހިނގި މި ހާދިސާގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ އޮފީސް ތެރެއަށްވަދެ އެތަނުގައި ތިބި މީހުންނަށް ވަޅިން ބިރުދެއްކުމަށްފަހު ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފައިވާ ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގޭކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ތިބި ބައެއް މީހުން ބުނީ މޫނުނިވާކޮށްގެން ތިބި މީހުން ވެސްޓަން ޔޫނިއަންގެ އޮފީހަށް ވަނީ ދިރާގުގެ މުވައްޒަފުންތަކަށް ހެދިގެން ކަމަށެވެ.

ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފަރ އޮފީސް ތެރޭގައި ތިބި ހަތަރު ބިދޭސީއަކު ބަނުމުގެ ގޮތުން އެމީހުންގެ ގައިގައި ކްލިޕް އަޅުވާފައިވާ ކަމަށް މަންޒަރު ފެނުނު މީހަކު ބުންޏެވެ.

އަދި ފައިސާތައް ފޭރިގަނެގެން އެމީހުން ބާރަށް ދުވެފައިގޮސް ވަނީ ހ. ތާޅަފިލިގެއަށް ކަމަށްވެސް އެމީހާ ބުންޏެވެ.
އެމީހުން ފޭރިގެން ގެންދިޔައީ ކިތައް ފައިސާ ދަބަސްކަން ނޭނގޭ ކަމަށާއި އެމީހުން ފޭރުނު ފައިސާ ދަބަހެއް ތަޅާފިލިގޭގެ ސިޑިގޮޅީގެ ތެރެއިން ފެނިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފައިސާހުރި ދަބަހުގެ އިތުރުން ސިޑި ގޮޅީގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ފެނިފައިވެއެވެ.
ފައިސާތައް ފޭރިގަނެގެން ދުވެފައި ދިޔައިރު، އެމީހުންގެ ޖީބުތަކުން ފައިސާތަކެއް ބިންމަންޗަށް ވެއްޓިފައިވާ ކަމަށާއި އެ ފައިސާތައް ފެނުނު މީހުން ވަނީ ފައިސާތައް މަގުމަތިން ނަގައިގެން ގޮސް ފުލުހުންނާ ހަވާލުކޮށްފައި ކަމަށް އެހިސާބުގައި ހުރި މީހަކު ވަނީ ބުނެފައެވެ.

ތާޅަފިލިގޭގައި ދިރިއުޅޭ މީހަކު ބުނީ ވެސްޓަން ޔޫނިއަނުން ފައިސާތައް ވަގަށް ނެގި މީހުން ފިލީ އެގެއަށް ވަނުމަށްފަހު ކަމަށެވެ. ނަމަވެސް އެ މީހުން ފިލި ގޮތް ބުނެދޭން ނޭނގޭ ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް ވަނީ ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާގެ އޮފީހަށާއި ތާޅަފިލިގެއަށް ގޮސް ހަރަކާތްތެރިވެފައެވެ.

އެތަނުން ފޭރުނީ ކިހާ އަދަދެއްގެ ފައިސާތަކެއްކަން އަދިނޭނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.