ސްޕެނިޝް ލަލީގާގައި ރިއަލް މެޑްރިޑާއި އެއިބާރް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ ތާވަލުގެ ދެވަނައަށް ވެއްޓިއްޖެއެވެ. އަދި ޗެމްޕިއަން ބާސެލޯނާ ސެލްޓާ ވީގޯ އާ ދެކޮޅަށް ކުޅުނު މެޗު 3-4 އިން ބަލިވެ ސީޒަނުގެ ދެވަނަ ބައްޔާއެކު ތާވަލުގެ ހަތަރުވަނައަށް ވެއްޓިއްޖެއެވެ.
ޒައިނެދީން ޒިދާން ގެ ރިއަލް މެޑްރިޑް ރޭގެ މެޗަށް ނިކުމެފައިވަނީ ފާއިތުވި ތިން މެޗު ވެސް އެއްވަރުވެ ފަސޭހަ މޮޅެއް ހޯދުމުގެ ނިޔަތުގައެވެ. ނަމަވެސް 6 ވަނަ މިނެޓުގައި އެއިބާރ ގެ ފްރޭން ރިކޯ ޖެހި ގޯލާއެކު ރިއަލްއަށް އަނެއްކާވެސް އިތުރު ޕްރެޝަރުތަކެއް ކުރިމަތިވިއެވެ.
މެޗުގެ 18 ވަނަ މިނެޓުގައި ގެރެތް ބޭލް ބޮލުން ފޮނުވާލި ބޯޅައެއް އެއިބާރުގެ ކީޕަރަށް ވަނީ މަތަނުކުރެވި ގޯލުތެރެއަށް ވަދެގެންގޮސް މެޗުގެ ނަތީޖާ ހަމަހަމަވެފައެވެ. އެހެންނަމަވެސް މެޗުގައި ދެޓީމުގެ ކުޅުންތެރިންނަށްވެސް ނަތީޖާއަށް އިތުރު ބަދަލެއް ގެނައުމަށް ކުރި މަސައްކަތް ކާމިޔާބުކުރެވޭނެ ގޮތެއް ނުވިއެވެ.
ރިއަލް އެއްވަރުވެ ބާސާއަށް ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ރަނުގެ ފުރުސަތު ސެލްޓާ ވީގޯ އަތުން ބަލިވެ ގެއްލުވާލުމުން ގިނަބަޔަކު ޓީމުގެ ތަރި، ލިއޯ މެސީ ނެތުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ. ނަމަވެސް ކޯޗު ލުއިސް އެންރީކޭ ބުނެފައިވަނީ އޭނާގެ ޓީމަކީ ވަކި ކުޅުންތެރިޔަކަށް ބަރޯސާވާ ޓީމެއް ނޫން ކަމަށާއި މެޗުން ބަލިވީ ކުޅުންތެރިން ފަރުވާކުޑަކުރުމުން ކަމަށެވެ.
މެޗުގެ ފުރަތަމަ ހާފު 0-3 އިން ބާސާ ބަލިވެ ނިމިގެން ގޮސްފައިވާއިރު އެންރީކޭގެ ޓީމަށް ވަނީ ސަލާމަތް ނުވެވޭ ވަރަށް ގެއްލުންވެފައެވެ. ނަމަވެސް އެންމެ ފަހަތުން ޑިފެންސް ލައިނުގައި ޕީކޭ ވަނީ މުޅި ޓީމު ކުރިއަށް ގެންގޮސްފައެވެ. އޭނާގެ މިމަސައްކަތުން ޓީމު ވަނީ ދެ ގޯލު ޖަހާފައެވެ.
ނަމަވެސް ޓާ ސްޓާޖަން ހެދި ގޯހަކުން އިތުރު ގޯލެއް ވަނީ ވަދެފައެވެ. ޕީކޭގެ މަސައްކަތުން ބާސާ ވަނީ އަނެއްކާވެސް ގޯލު ޖަހައި ނަތީޖާ 3-4 އަށް ހަދާފައެވެ. މެޗު ނިމިގެން ގޮސްފައިވަނީ އިތުރު ގޯލެއް ކާމިޔާބުނުކުރެވިއެވެ.
އެތްލެޓިކޯ މެޑްރިޑް ވެލެންސިއާ ބަލިކޮށް ރިއަލް އާއި އެއްވަރަކަށް ޕޮއިންޓު ލިބި ތާވަލުގެ އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ. 15 ޕޮއިންޓު ދެޓީމަށްވެސް ލިބިފައިވާއިރު ސެވީއާ ތިންވަނައިގައި އޮތީ 14 ޕޮއިންޓާއެކުގައެވެ. ބާސާ އަށް ލިބިފައިވަނީ 13 ޕޮއިންޓާއެކު 4 ވަނައެވެ.