Last Updated: July 3, 02:38
Thursday, July 2, 2026
މުނިފޫހިފިލުވުން

ކިމް އަށް ބިރު ދެއްކުމަށް ފަހު ގަހަނާތަކެއް ފޭރިގެންފި

ޕެރިސްގައި ކިމް ކާޑޭޝިއަން އުޅޭ ލަގްޒަރީ ގެއަށްވަދެ ބަޔަކު ކިމް ކާޑޭޝިއަންއާ ދިމާލަށް ބަޑި ދިއްކުރުމަށްފަހު އޭނާ ފޭރިގެންފިކަމަށް ކިމްގެ ޕަބްލިސިސްޓްއާއި ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އޮފިސަރަކު ބުނީ ފޭރިގަތީ އެތައް މިލިއަން ޔޫރޯއެއްގެ ގަހަނާތަކެއް ކަމަށެވެ.

އެ ވައްކަން ހިނގާފައިވަނީ ޕެރިސްގެ ގަޑިން ދަންވަރު 3:00 ގައެވެ.

35 އަހަރުގެ ކިމް ކާޑޭޝިއަންގެ ތަރުޖަމާނަކު ބުނީ ކިމް އަށް ވަނީ އެ ހާދިސާގެ ސަބަބުން ވަރަށް ބޮޑު ސިހުމެއް ލިބިފައި ކަމަށާއި، އެހެންނަމަވެސް ޖިސްމާނީ ގޮތުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި އެ ހާދިސާގައި އިތުރު އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ސީއެންއެންއިން ރިޕޯޓްކުރާ ގޮތުގައި އެ ވައްކަން ކުރީ މާސްކު އަޅައިގެން ބަޑި ހިފައިގެން ތިބި ދެ ފިރިހެނުންނެވެ. އެހެން ރިޕޯޓްތައް ބުނާ ގޮތުން ވައްކަން ކުރީ ފަސް މީހުންގެ ގުރޫޕަކުންނެވެ.

އެ ފޭރުމުގެ ހާދިސާ ހިނގި ވަގުތު ކިމް ގެ ފިރިމީހާ، ކާންޔޭ ވެސްޓް ހުރީ ނިއު ޔޯކްގެ މެޑޯސް މިއުޒިކް އެންޑް އާޓްސް ފެސްޓިވަލްގައި ލަވަ ކިޔާށެވެ. ޚަބަރު ލިބުމާއިއެކު އޭނާގެ ފޭނުން ކައިރީ "ސޮރީ، އާއިލީ އެމާޖެންސީއެއް. އަހަރެން ޖެހެނީ ޝޯ ހުއްޓާލަން" ބުނުމަށްފަހު ކާންޔޭ ސެޓު ނިންމާލިއެވެ.

ކާންޔޭއާއި ކައިވެނި ކުރުމުގެ ކުރިން ކިމް ވަނީ 2014 ވަނަ އަހަރު ޕެރިސްގެ މެޑެލެއިން ޗާޗުގެ ފަހަތުގައި ހުންނަ އެ ލަގްޒަރީ ގޭގައި ހުރެފައެވެ.

_91495558_reuters_kim

"އެތައް މިލިއަން ޔޫރޯއެއްގެ ގެއްލުންވި، ގިނައިން ގަހަނާތައް. ޖުމްލަ އަދަދު އަދިވެސް ދަނީ ބަލަމުން"، ފުލުހުން ބުންޏެވެ.

ޓީވީ ހޯސްޓް ޖޭމްސް ކޯޑެން ވަނީ މި ހާދިސާއާ ގުޅިގެން ކިމްއަށް މަލާމާތް ކުރާ ފަރާތްތަކަށް ރައްދު ދީފައެވެ. "ކިމްއަކީ މަންމައެއް، ދަރިއެއް، އަންބެއް އަދި ރައްޓެއްސެއްކަން ކިމްއާއި ބެހޭގޮތުން މިރޭ ޖޯކު ހަދާ މީހުން ހަނދާންކުރަން ޖެހޭ. ރަނގަޅު ވާހަކައެއް ބުނަން ނެތްނަމަ އެއްވެސް އެއްޗެކޭ ނުކިޔާ"، އޭނާ ޓްވީޓް ކޮށްފައި ވެއެވެ.

ކިމްއާއި ކާންޔޭގެ ދެ ދަރިން ކަމަށްވާ ތިން އަހަރުގެ ނޯތުއާއި 10 މަހުގެ ސެއިންޓް ހާދިސާ ހިނގި ވަގުތު ކިމްއާއިއެކު ތިބިކަމެއް އަދި ނޭނގެއެވެ. ހޯމަ ދުވަހު ފުލުހުން ވަނީ އެ ސަރަހައްދު ބަލަހައްޓާފައެވެ.

ކިމް ޕެރިސްއަށް ދިޔައީ ޕެރިސް ފެޝަން ވީކްއަށެވެ. އޭނާ ދިޔައީ އޭނާގެ މަންމަ ކްރިސް ޖެނާ އަދި ކޮށްކޮ ކެންޑަލް ޖެނާއާއި އެކުގައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ކިމްގެ ފުރަގަސްފަރާތަށް ބޮސްދޭން އުޅުނު މީހަކުވެސް އޭނާގެ ބޮޑީގާޑުން ވަނީ ހުއްޓުވާފައެވެ.

ކިމް އެންމެ ފުރަތަ މަޝްހޫރުވެގެން އައީ ޕެރިސް ހިލްޓަންގެ ސްޓައިލިސްޓް އަދި ރައްޓެއްސެއް ގޮތުގައެވެ. އޭގެ ފަހުން އޭނަގެ އަމިއްލަ ރިއަލިޓީ ޕްރޮގްރާމް "ކީޕިންގް އަޕް ވިތު ދަ ކާޑޭޝިއަންސް"އިން އޭނާ އަންނަނީ ފެންނަމުންނެވެ.