Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ޖިމް އިންސްޓްރަކްޓަރު ކޯހުގެ އެއްވަނަ ސާޖެންޓް ވަހީދަށް

ޕޮލިސް އެކަޑަމީން އައްޑޫގައި ކުރިއަށް ގެންދިޔަ ހަތަރު ވަނަ ޖިމް އިންސްޓަރަކްޓަރ ކޯހުން އެއްވަނަ ސާޖެންޓް މުހައްމަދު ވަހީދު ހޯދައިފި އެވެ.

ޖުމްލަ 18 ބައިވެރިން ތަމްރީނުވި މި ކޯހުން ވަނަތަކަށް ހޮވުނު ފަރާތަށާއި، ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ޝީލްޑާއި ސަނަދު ހަވާލު ކޮށްދެއްވީ ރޭ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސްގެ ޖެނެރަލް މެނެޖަރ އިބްތިސާމާ އަހްމަދު ސައީދެވެ.

ހަ ހަފްތާގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ގަމުގެ ޔޫތު ސެންޓަރުގެ ޖިމްގަ އެވެ.

މި ރަސްމިއްޔާތުގައި ޕޮލިސް އެކަޑަމީގެ ހެޑް ސްޕްރިޑެންޓެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމް ވިދާޅުވީ، ޖިމް އިންސްޓަރަކްޓަރު ކޯސް ފަދަ ކޯސްތަކަށް ޒުވާނުން ވަރަށް ބޭނުން ކަން އެންމެ ފަހުން ނިމިގެން ދިޔަ ކިއްސަރު ފެއާގައި ހެދި ޕޮލިސް ސްޓޯލްއަށް ޒިޔާރަތް ކުރި ގިނަ ޒުވާނުންގެ ފަރާތުން އެގިގެން ދިޔަ ކަަމަށެވެ.

ޝަމީމް ވިދާޅުވީ ޒުވާނުންގެ ޝައުގުވެރިކަން ހުރުމާއި އެކު އަދި މޯލްޑިވްސް ޕޮލިސް ސާވިސް އަކީ ރައްޔިތުންގެ ބައިވެރިވުމާއި އެކު ގާތުން ހިދްމަތް ފޯރުކޮށްދޭ މުވައްސަސާއަަކަށްވާތީ މިފަދަ ފުރުސަތުތައް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.

14469505_679866505505427_3401536072575744302_n

ނަމަވެސް މި ފަދަ ކޯސްތަކުގައި ފުރުސަތު ދެވެނީ ފަސްބައި ސާފު ފަރާތްތަކަށްކަމަށް ޝަމީމް ވިދާޅުވިއެވެ. އެހެންވެ ޒުވާނުން މިކަންކަމަށް ސަމާލް ވުމަށް ޝަމީމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޝަރަފްވެރި މެހްމާނާ އިބްތިސާމާ އަހްމަދު ސައީދު ވިދާޅުވީ، ރަނގަޅު ސިއްހަތެއްގައި ދެމި ތިބުމަށް މިހާރަކަށް އައިސް ގިނަ ޒުވާނުން އަހަމިއްޔަތުކަން ދޭ މިންވަރު ފެނިގެން އަންނަ ކަމަށެވެ.

އަދި ރޭ ކޯސް ނިންމި 18 ބައިވެރިންގެ ތެރޭގައި 6 އަންހެން ބޭކަނބަލުން ހިމެނުމަކީ އަންހެން ބޭކަބަލުން މިކަންކަމަށް އަހުލުވެރިވަމުން އަންނަ މިންވަރު ހާމަވާ ކަމެއް ކަމަށް އިބްތިސާމާ ވިދާޅުވިއެވެ.

އަދި ކޯހުން ދަސްވި އެއްޗެހީގެ ބޭނުން ހިފައިގެން އޭގެއިން މުޖްތަމައަށް ފައިދާ ކުރާނެ ގޮތަށް މަސައްކަތް ކޮށްދެއްވުމަށް އިބްތިސާމާ އެދިވަޑައިގެންނެވިއެވެ.

ޖިމް އިންސްޓަރަކްޓަރު ކޯހުގައި ކިޔަވައި ދެއްވީ ޕޮލިސް އެކަޑަމީގެ ތަޖުރިބާކާރު ދިވެހި މުދައްރިބުންނެވެ.