Last Updated: June 26, 20:28
Friday, June 26, 2026
ވިޔަފާރި

ގަން-ކޮލޮމްބޯ ދަތުރު މިހާރު ޑިސެމްބަރުގައި

ގަމާއި ކޮލަމްބޯ އާ ދެމެދު ސްރީލަންކަން އެއާލައިންސުން ފަށަން ހަމަޖެހިފައިވާ ސީދާ ދަތުރުތައް އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ފަށާގޮތަށް ނިންމައި ޓިކެޓް ވިއްކުމަށް ތައްޔާރުވަމުން އަންނަކަމަށް "އައްޑޫ ލައިވް" އަށް އެނގިއްޖެ އެވެ.

ކުރިން އަންނަ މަހު ފެށުމަށް ތައްޔާރުވި ނަމަވެސް ގިނަ ކަންތައްތަކެއް އެތާރީހަށް ފުރިހަމަ ނުވާތީވެ، ދަތުރު ފެށުން ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހަށް ވަނީ ރީޝެޑިއުލްކޮށްފަ އެވެ.

"އައްޑޫލަ އިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަފުތާ ނިމުމުގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި، ސްރީލަންކަންގެ އިސްވެރިންނާއި އެކު މި މައުލޫމާތު ހިއްސާ ކުރުމުގެ އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްރީލަންކަންގެ ދަތުރުތައް ގަމާއި، ކޮލަމްބޯ އާއި ދެމެދު ފެށުމަށް ވަމުންދާ ތައްޔާރީ ތަކުގައި އައްޑޫ އިންޓަނެޝަނަލް އެއާޕޯޓްގެ ޖެނެރަލް މެނޭޖަރު އިބްތިސާމާ ސައީދު ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އަދި ދަތުރު ފެށުމުގައި ދިވެހި ސަރުކާރުން ބޮޑު އެއްބާރުލުމެއް ދެމުން އަންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި މި މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވީ، ޓިކެޓްތަކުގެ އަގު 290 ޑޮލަރާއި 360 ޑޮލަރާއި ދެމެދުގެ އަގެއްގައި ލިބޭނެއެެވެ. އަދި ދަތުރު ފަށާއި އިރު ހަފްތާއަކު 4 ފްލައިޓް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ސްރީލަންކަންގެ ޓިކެޓް އޮފީސް މިމަހުގެ 20 ވަނަ ދުވަހު ފޭދޫގައި ހުޅުވާ އިރު ކަގޯ އޮފީހެއް ވެސް ފޭދޫގައި ހުޅުވުމަށް ވަނީ ނިންމައިފަ އެވެ.

ގަމާއި، ކޮލަމްބޯ އާއި ދެމެދު ސީދާ ދަތުރު ފެށިގެން ދިއުމަކީ އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ހުވަފެނެވެ.

އެކަން ހަގީގަތަކަށް ހަދައި ދިނުމުގައި އައްޑޫ އިންޓަނެޝަނަލް އެއާޕޯޓާއި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.