އެމްޑީޕީގެ އައްޑޫ ދާއިރާއިން އިންތިޒާމްކޮށްގެން ބޭއްވި "ބަޢާވާތް މަ ކުށްވެރިކުރަން" ހިނގާލުން ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
މިއަދު ހަވީރު ހިތަދޫގައި ހުންނަ އެމްޑީޕީ ހަރުގެއިން ފެށި މި ހިނގާލުމުގައި އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ބައިވެރިވެވަޑައިގެންނެވި އެވެ. މި ހިނގާލުމުގައި އަންނި އާއި އެކު އެމްޑީޕީގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދުގެ އިތުރުން ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހިތަދޫ އެމްޑީޕީ ހަރުގެއިން ފެށިގެން ހިނގާލުމުގެ ބައިވެރިން ދަތުރުކޮށްފައި ދިޔައީ ހިތަދޫ ބޮޑު މަގު (އެޅެދީދީ މަގު) އިން ފެށިގެން ހިތަދޫ ސްކޫލާއި ހަމައަށެވެ. އަދި އެހިސާބުން ވެހިކަލްގައި ބައިވެރިން މަރަދޫ އާއި ހަމައަށް ގޮސް އަނެއްކާވެސް އެހިސާބުން ހިގަން ފެށިއެވެ.
މިހިނގާލުމުގައި އެމްޑީޕީގެ ގިނައަދަދެއްގެ މެމްބަރުން ވަނީ ބައިވެރިވެފައިއެވެ. އެމްޑީޕީގެ އިސްއޮފިޝަލަކު ވިދާޅުވީ މިރޭ މުހައްމަދު ނަޝީދު އާއި އެކު އެމްޑީޕީން ބާއްވާ ހާއްސަ ޖަލްސާއެއް ފޭދޫ އެމްޑީޕީ ހަރުގޭގައި އޮންނާނެއެވެ.