Last Updated: July 3, 02:38
Thursday, July 2, 2026
ކުޅިވަރު

ފީފާގެ ރައީސް ބޭނުމީ 48 ޓީމްގެ ވޯލްޑް ކަޕެއް ބާއްވަން

ފޮޓޯ: އީޕީއޭ

ވޯލްޑް ކަޕް ފައިނަލްގައި 40 އަށް ޓީމް ވާދަކުރާ ގޮތަށް ހަދަން ކުރިން ބޭނުންވި ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ މިހާރު ބޭނުންވަނީ އެ އަދަދު 48 އަށް ހަދާށެވެ.

46 އަހަރުގެ އިޓަލީ ވިލާތުގެ އިންފެންޓީނޯ ބުނާގޮތުން އެގޮތަށް ހަދާއިރު، ޕްލިމިނަރީ ނޮކްއައުޓް ބުރަކަށްފަހު 16 ޤައުމެއް މުބާރާތުން ކަޓާނެއެވެ.

މުބާރާތުގެ އެހެން ހުރިހާ ކަމެއް ހިނގާނީ ހަމަ ކުރިއެކޭވެސް އެއްފަދައިންނެވެ. އެއީ ގްރޫޕް ސްޓޭޖުގައި 32 ޓީމް ވާދަކޮށް އިތުރު ނޮކްއައުޓް ބުރުތައް ބާއްވާ ގޮތަށެވެ.

އިންފޭންޓީނޯ ބުނީ އެކަމާއިމެދު ވަކި ގޮތެއް ނިންމާނީ އަންނަ ޖަނަވަރީ މަހުގައި ކަމަށެވެ.

"މިއީ އެންމެ ރަނގަޅު ހައްލު ހޯދުމަށް ދެވޭ ޚިޔާލުތަކެއް. މިކަންތައްތަކާއި ބެހޭގޮތުން މި މަހު ބަހުސްކޮށްފަ ގޮތެއް ނިންމާނީ 2017 ފެށޭއިރަށް"، އޭނާ ބުންޏެވެ.

އިންފޭންޓީނޯ ދުނިޔޭގެ ފުޓްބޯޅާއި ބެހޭ އެންމެ މަތީ ޖަމިއްޔާގެ ރައީސްކަމާއި ޙަވާލުވީ ފެބްރުއަރީ މަހުގައެވެ.

ވޯލްޑް ކަޕްގައި 40 ޓީމް ވާދަކުރާ ގޮތަށް ހެދުމަކީ އޭނާގެ އިންތިޚާބީ ވައުދުތަކުގެ ތެރެއިން އެއް ވައުދެވެ.

އެކަމަކު މިހާރު އޭނާ ވިސްނަނީ ވޯލްޑް ކަޕް ބާއްވާ ޤައުމުގައި 32 ޓީމް ޕްލިމިނަރީ ނޮކްއައުޓް ރައުންޑްގައި ބައިވެރިވެ، މޮޅޮވާ ޓީމްތައް ގްރޫޕް ސްޓޭޖުގެ ގުރުވަތުން ހޮވޭ 16 ޓީމާއި ވާދަކުރާ ގޮތަށް ކަންތައް ނިންމުމަށެވެ.

"އޭގެ މާނައަކީ އާދައިގެ މަތިން 32 ޓީމާއިއެކު ވޯލްޑް ކަޕް ކުރިއަށް ގެންދިޔަނަމަވެސް ޖުމްލަ 48 ޓީމް ވާދަކުރުން"، އިންފޭންޓީނޯ ބުންޏެވެ.

"ފީފާގެ ވިސްނުމަކީ މުޅި ދުނިޔޭގައިވެސް ފުޓުބޯޅަ ތަރައްޤީކުރުން. ވޯލްޑް ކަޕްއަކީ އޮންނަ އެންމެ ބޮޑު އިވެންޓް. އެއީ މުބާރާތަކަށްވުރެ ބޮޑު އެއްޗެއް، އެއީ އިޖްތިމާޢީ ޙަރަކާތެއް."