Last Updated: July 3, 02:38
Thursday, July 2, 2026
ޓެކްނޮލޮޖީ

ފޭސްބުކުން މާކެޓްޕްލޭސް ތަޢާރަފްކޮށްފި

ފޮޓޯ: އޭއެފްޕީ

ފޭސްބުކްއިން މީހުންނަށް އެއްޗެހި ގަނެ ވިއްކޭނެ ގޮތް މަގުފަހިކޮށްދިނުމަށްޓަކާ "މާކެޓްޕްލޭސް" ތަޢާރަފްކޮށްފިއެވެ. އެ ފީޗާއަކީ އީބޭ އާއި ކްރެއިގްސްލިސްޓްފަދަ ވެބްސައިޓްތަކާއި ވާދަކުރާނެ ފީޗާއަކަށް ވެގެންދާނެއެވެ.

މި އާ ފީޗާ ފުރަތަމަ ތަޢާރަފްކުރާނީ އެމެރިކާ، ޔޫކޭ، އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑްގައި ކަމަށް ފޭސްބުކްއިން ކުރި ބްލޮގް ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

ވަރަށް އަވަސް މުސްތަޤުބަލެއްގައި އެ ފީޗާއަށް ޚާއްސަ ސްމާޓްފޯން އެޕްލިކޭޝަންއަކާއި އޭގެ ކޮމްޕިއުޓަރު ވާޝަންވެސް އާންމުންނާ ހަމައަށް ފޯރުކޮށްދެވޭނެއެވެ.

މި އާ ފީޗާގެ ސަބަބުން މިހާރުވެސް އޮންލައިން ވިޔަފާރި ކުރަމުންދާ ވެބްސައިޓްތަކާއި ފެސްބުކްއާއި ދެމެދު ސީދާ ވާދަވެރިކަމެއް އުފެދިގެންދާނެއެވެ.

މިހާރުވެސް ގްރޫޕްތަކާއި ޕޭޖުތަކުގެ ޒަރިއްޔާއިން މީހުން ދަނީ އެއްޗެހި ގަނެ ވިއްކުމަށްޓަކައި ފޭސްބުކް ބޭނުންކުރަމުންނެވެ.

"ފަހަކަށް އައިސް ފޭސްބުކް ދަނީ އެހެނިހެން ގޮތްގޮތަށްވެސް މީހުން އެކަކު އަނެކަކާ ގުޅާލަމުން: ގަނެ ވިއްކުމުގެ ޒަރިއްޔާއިން"، ފޭސްބުކްގެ ޕްރޮޑަކްޓް މެނޭޖްމަންޓްގެ ޑިރެކްޓަރު މޭރީ ކޫ އެ ކުންފުނީގެ ބްލޮގްގައި ލިޔުނެވެ.

"މި ޙަރަކާތް ފެށުނީ ފޭސްބުކް ގްރޫޕްތަކުން އަދި މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފަ. 450 މިލިއަން އަށްވުރެ ގިނަ މީހުން ކޮންމެ މަހަކުވެސް ގްރޫޕްތަކަށް ޒިޔާރަތްކޮށް ގަނެ ވިއްކާ ހަދާ"، އޭނާ ލިޔުނެވެ.

ފޭސްބުކްއިން ފައިސާ ދެއްކުމުގެ ނިޒާމާއި އެއްވެސް ގުޅުމެއް ނުބާއްވާނެއެވެ. އަދި އެއްޗެހި ވިއްކުމަށްޓަކައި ސައިޓުގައި ޖެހުމަށްވެސް ޗާޖު ނުކުރާނެއެވެ.

މިއީ ފޭސްބުކްއިން ވިޔަފާރީގެ ބާޒާރަށް ނިކުންނަން މަސައްކަތް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ފޭސްބުކްއިން ވަނީ ހަމައެކަނި ޑެކްސްޓޮޕްއިން ބޭނުންކުރެވޭ މާކެޓްޕްލޭސްއެއް 2007 ވަނަ އަހަރުވެސް ތަޢާރަފްކޮށްފައެވެ.

އެމެރިކާގައި ފޭސްބުކްގެ ހިއްސާތައް ހޯމަ ދުވަހު މައްޗަށް ގޮސްފައިވާއިރު، އީބޭގެ ހިއްސާތައް ވަނީ އެއް އިންސައްތަ ދަށަށް ގޮސްފައެވެ.