Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ކެނެޑާގައި ކާބަން ޓެކްސް ނެގުމަށް ތައްޔާރުވަނީ

މޫސުމަށް އަންނަ ބަދަލާ ބެހޭގޮތުން ޓްރުޑޯ މަޖިލީހުގައި ވާހަކަ ދައްކަވަނީ: ފޮޓޯ- ސީބީސީ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކެނެޑާގައި އަންނަ އަހަރުން ފެށިގެން ކާބަން ޓެކްސް އެއް ނެގުމަށް ތައްޔާރުވެފައިވާކަމަށް ގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރުޑޯ ވިދާޅުވެއްޖެއެވެ.

އިއްޔެ މަޖިލީހުގައި ވާހަކަދައްކަމުން، ޕެރިސް ކްލައިމެޓް ޗޭންޖް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކެނެޑާ ބައިވެރިވުމުގެ ގޮތުން ކާބަން ބޭރުކުރާ ވަސީލަތްތަކުން ޓެކްސް އެއް ނެގުމަށް ޓްރުޑޭ ވަނީ ހުށައަޅާފައެވެ.

ބިލާ ގުޅޭގޮތުން މަޖިލީހުގެ މެމްބަރުންގެ މެދުގައި ބަހުސް ކުރުމަށް ހަމަޖެހިފައިވާއިރު މަޖިލީހުން މިބިލް ފާސްވާނެ ކަމަށް ބެލެވެއެވެ. ޓްރުޑޯ ހުށައަޅާފައިވަނީ ޕްރޮވިންސް ތަކުން ސީދާ ކާބަން ބޭރުކުރާ ވަސީލަތްތަކަށް 10 ކެނޭޑިއަން ޑޮލަރު(7.60 އެމެރިކާ ޑޮލަރު) ކޮންމެ ޓަނަކަށް ދެއްކުން ނުވަތަ "ކެޕް-ޓްރޭޑް" ސިސްޓަމަށް އަމަލު ކުރުމެވެ.

ކެޕް-ޓްރޭޑް ސިސްޓަމަކީ މޫސުމަށް އަންނަ ބަދަލު ހުއްޓުމަކަށް ގެނައުމަށް ބޭނުން ކުރަމުންދާ ނިޒާމެކެވެ. "ކެޕް" ކާބަން ބޭނުންކުރުމަށް ފަހު މާހައުލަށް ބޭރު ކުރާ ވިހަ މާއްދާތައް މަދުކުރުމަށް ބާރުއަޅާއިރު "ޓްރާޑް" ވީހާވެސް ތިމާވެއްޓާ ރައްޓެހި އީޖާދުތައް އުފެއްދުމުގައި ހަރަކާތްތެރިވާނެއެވެ.

ބިލާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޓްރުޑޯ ވިދާޅުވެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ ބިލާހެއް ނޫން ކަމަށެވެ. ފާއިތުވި 10 އަހަރު އަޅާ ނުލެވި ތިބެވިއްޖެ ކަމަށާއި އެކަމާމެދު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ. ނަމަވެސް ދުނިޔެ ސަލާމަތް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ މިއަދު ކޮންމެހެންވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ޓްރުޑޯ ވަނީ ވިދާޅުވެފައެވެ.

ކާބަން އެކުލެވޭ ތަކެތީގެ އަގަށް ގެނެވޭ ބަދަލާއެކީ ކެނެޑާ އަށް ރަނގަޅު ކުރިއެރުމެއް މިކަމާ ގުޅިގެން ލިބޭނެ ކަމަށް ޓްރުޑޯ ގަބޫލުކުރައްވައެވެ. އަދި މަޖިލީހުން މިކަން ކުރުމުގައި އެބޭފުޅުން ކުރައްވަން ޖެހޭ މަސައްކަތް ކުރެއްވުމަށް އޭނާ ވަނީ އިހުލާސްތެރިކަމާއެކު އެދިވަޑައިގެންފައެވެ.