Last Updated: July 3, 02:38
Thursday, July 2, 2026
ރިޕޯޓް

ކައިވެނި ދަމަހައްޓާނެ މުހިންމު ފަސް ގޮތެއް

ރަނގަޅު، އުފާވެރި އަދި ދުޅަހެޔޮ ކައިވެންޏެއް ދެމެހެއްޓޭނީ ދެމަފިރިންގެވެސް އެއްބާރުލުމާއި އެކުއެވެ. ބައެއް ފަހަރު ޖެހޭ ކުދި ކުދި މައްސަލަތަކުގެ ސަބަބުންވެސް ދެމަފިރިން ވަކިވަނީ މަދެއްކޮށެއް ނޫނެވެ. އެކުގައި އުޅޭއިރު އަބަދުވެސް މި ފަސް ކަމަށް ބަލައިގެން އުޅުމަކީ ކައިވެނި ވަރުގަދަ ވެގެންދާނެ ކަންކަމެވެ.

1. ލޯބި

download

އެންމެ ފުރަތަމަ ކައިވެނި ކުރަނީވެސް މި ސަބަބާއި ހެދިއެވެ. އެހެންކަމުން އަބަދުވެސް ދެމެފިރިންގެ ދެމެދުގައި ލޯބި އާލާކޮށް ދިރުވޭތޯ ބަލަންވާނެއެވެ. އަބަދުވެސް އެކަކު އަނެކަކު ދެކެ ލޯބިވާކަން ބަހުންނާއި އަމަލުން ދައްކަންވާނެއެވެ. މައްސަލަތައް ޖެހިގެން ޒުވާބު ކުރާއިރު، އެކަކު އަނެކަކު ދެކެ ފޫހި ނުވެ، އެންމެ ފުރަތަމަ އެމީހަކު ދެކެ ލޯބި ވެވުނީ ކީއްވެގެންކަން ވިސްނާ ކައިވެނި ދަމަހައްޓަން މަސައްކަތް ކުރަން ވާނެއެވެ. ދެމީހުންގެ ދެމެދުގައި ލޯބިވާނަމަ، ޖެހޭ މައްސަލަތަކުން އަރައިގަންނަން ފަސޭހަވާނެއެވެ.

2. ކެތްތެރިކަން

636006824347254371-444098233_patience

ހުރިހާ ވަގުތަކު ކެތްތެރިވެގެން ހުރުމަކީ އުނދަގޫ ކަމަކަށް ވިޔަސް، އެކަން ކުރަން ޖެހޭނެއެވެ. ކަންކަން އެހާ ރަނގަޅަށް ނުދާ ދުވަސްތައްވެސް އަންނާނެއެވެ. އެކަހަލަ ދުވަސްތަކުގައި ދެމަފިރިން ވަކި ވަކިން އެ މައްސަލައަކާއި ބެހޭގޮތުން ވިސްނަން ވަގުތު ދޭން ޖެހޭނެއެވެ. އެކަކު އަނެކަކަށް ކެތްތެރިވުމަށްޓަކައި ނަސޭހަތްދީ، ސުލްހަވެރިކަމާއިއެކު ކަންކަން ޙައްލުކުރަން މަސައްކަތް ކުރަން ޖެހޭނެއެވެ. ދެމަފިރިން ކުރެ އެކަކުވެސް އެހާ ރަނގަޅު ނޫން މޫޑެއްގައި ހުރެއްޖެނަމަ، އޭނާ ރުޅިމަޑުވުމަށް ވަގުތުތީ، ދެމީހުން ދެމެދުގައި ކަންތައްތައް ހަމައަކަށް އެޅެންދެން ކެތްތެރިވާންވާނެއެވެ.

3. އިތުބާރު

635941048195162433-28431253_trust-article

މިއީ ރަނގަޅު ކައިވެންޏަކަށް ބޭނުން އެންމެ މުހިންމު ކަމެވެ. އަދި މިކަމަށް ދެވަނަ ގޮތެއްވެސް ނެތެވެ. އަބަދުވެސް އެކަކު އަނެކަކާ މުއާސަލާތު ކުރެވޭނެ ގޮތެއް އޮންނަން ޖެހޭނެއެވެ. ކަންކަން ސިއްރުނުކޮށް، ދެމަފިރިންގެ އިހުސާސްތަކާއި ޚިޔާލުތައް އެކަކު އަނެކަކަށް އަންގައިދޭން ވާނެއެވެ. ތިމާ އެއްވެސް ކަމަކާއިމެދު ހިތްހަމަނުޖެހޭނަމަ، އެކަމެއް ތިމާގެ ބައިވެރިޔާއާއި ހިއްސާ ކުރާށެވެ. ސުވާލުތަކެއް ހުރިނަމަ، ރީތި އަދަބާއި މަޑުމައިތިރިކަމާއިއެކީ އެ ސުވާލުތައް ކުރާށެވެ. ބައިވެރިޔާއަށް ޝައްކުކުރާ ގޮތަކަށް ސުވާލު ނުކުރާށެވެ. ތެދުވެރިކަމާއި އިޚްލާސްތެރިކަމާއިއެކީ ތިމާގެ ޚިޔާލުތައް ބައިވެރިޔާއާއި ހިއްސާކޮށް ބައިވެރިޔާގެ ޚިޔާލުތައްވެސް ތިމާއާއި ހިއްސާކުރުމަށް ހިތްވަރުދޭށެވެ.

4. ތަޢުރީފް

o-compliment-facebook

އާދެ، މިއީވެސް ކައިވެންޏެއް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ. ތިމާގެ ބައިވެރިޔާއަށް ގިނަގިނައިން ތަޢުރީފް ކުރާށެވެ. އޭނާ ތިބާއަށްޓަކައި ކޮށްދޭ ހުރިހާ ކަމެއް، އެއީ ގޭތެރޭގެ މަސައްކަތުގައި އެހީވުން ފަދަ ކިތަންމެ ކުޑަ ކަމެއްވިޔަސް، އެ ހުރިހާ ކަމެއް ޤަބޫލުކޮށް އޭނާއަށް ތަޢުރީފް ކުރާށެވެ. ކައިވެންޏާއި ގުޅުންހުރި ހުރިހާ ކަމެއްގައި ބައިވެރިޔާ ކުރާ ރަނގަޅު ކަންތައްތައް ފާހަގަކޮށް ތަޢުރީފް ކުރާށެވެ. ދެމަފިރިންގެ ކައިވެނި އުފާވެރިކަމާއިއެކީ ދެމެހެއްޓުމަށްޓަކައި ބައިވެރިޔާ ކޮށްދޭ ހުރިހާ ކަމެއް ތިމާ ޤަބޫލުކުރާކަން އޭނާއަށް އަންގައިދޭށެވެ.

5. ހިތްވަރުދިނުން

personal-trainer

އަބަދުވެސް އެކަކު އަނެކަކަށް ހިތްވަރު ދޭން ހަނދާން ކުރާށެވެ. ކޮންމެފަދަ ޙާލަތެއްގައިވެސް، އަބަދުވެސް އެކަކު އަނެކަކާއި އެކީ ވާށެވެ. އެކަކު އަނެކަކުގެ އިޙްސާސްތަކަށް ޤަދަރު ކުރާކަން ދެއްކުމުގެ ގޮތުން އަބަދުވެސް ކަންކަމުގައި އެކަކު އަނެކަކަށް ވާގިވެރިވާށެވެ. ބައިވެރިޔާގެ ޚިޔާލާއި އިޙްސާސްތަކަށް ޤަދަރު ކުރާށެވެ. ގިނަ ފަހަރަށް ލޯބިވާ މީހެއްގެ ފަރާތުން އެފަދަ ހިތްވަރު ދެނިވި ވާހަކަތައް އަޑު އިވުމަކީ ލޯބި އިތުރުކޮށްދޭ ކަމެކެވެ.