މެންޗެސްޓާ ޔުނައިޓެޑާއި އިނގިރޭސި ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ވޭން ރޫނީ ދާދިފަހުން މެންޗެސްޓާ ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ޖާގަ ނުދީ ބެންޗުކުރުމަކީ ކުރަން ހައްގު ކަމެއް ކަމުގައި ބުނެފިއެވެ.
އިނގިރޭސި ވިލާތާއި މަލްޓާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރޫނީ ކެޕްޓަންގެ ހައިސިއްޔަތުން ނޫސްވެރިންނާ ބައްދަލުކޮށް ބުނެފައިވަނީ އޭނާއަށް ފަހަކަށް އައިސް ދެއްކިފައިވާ ކުޅުމަކީ އެދެވޭ ކުޅުމެއް ނޫން ކަމަށެވެ.
"އަހަންނަށް އެނގޭ އަހަރެން ކުޅުން ދަށްވެއްޖެ ކަން. ޓީމަށް އެންމެ އެދެވޭ ކަމަކީ އަހަރެން މިވަގުތު ފުރަތަމަ އެގާރައިން ބާކީކޮށްލުން. ގައުމީ ޓީމުގެ ފުރަތަމަ އެގާރައިންވެސް ޖާގައެއް އަހަންނަށް މިވަގުތު ހައްގެއް ނޫން" ރޫނީ ބުނެފައިވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ވަޓްފޮޑް ބައްދަލުކޮށް ޔުނައިޓެޑް ބަލިވި މެޗުގައި ރޫނީގެ ފަރާތުން ފެނިގެންދިޔަ އާދައިގެ ކުޅުމުގެ ސަބަބުން އޭނާ ވަނީ ޖެހިގެން އައި މެޗަށް ފުރަތަމަ އެގާރައިން ބާކީ ކޮށްފައެވެ. އޭގެ ފަހުން ކުޅުނު ތިން މެޗުގައިވެސް ރޫނީ މެޗުގައި ބައިވެރިވެފައިވަނީ ބެންޗުންނެވެ.
އިނގިރޭސި ޓީމުގެ ކޯޗު ކަމުން އަލާޑީސް ވަކިކުރުމަށްފަހު ވަގުތީ މެނޭޖަރެއްގެ ގޮތުގައި ސައުތްގޭޓް ހަމަޖައްސާފައިވާއިރު އޭނާ ވަނީ އޭނާގެ ޓީމުގެ ކެޕްޓަން ކަމުގައިވެސް ރޫނީ އަށް ޖާގަދީފައެވެ.
އިނގިރޭސި ޓީމުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ފުރަމުން އަންނަ ރޫނީ ވަނީ އޭނާގެ ދަށް ފޯމު ރަނގަޅު ކުރުމަށް ވައުދު ވެފައެވެ.