Last Updated: May 21, 17:58
Tuesday, May 21, 2024
ޚަބަރު

ސްރީލަންކަންގެ ދަތުރުތަކަށް ބޮޑެތި ހުރަސްތަކެއް!

ގަމާއި ކޮލަމްބޯ އާއި ދެމެދު ދަތުރުފެށުމަށް އެންމެފަހުގެ ތައްޔާރީ ވަމުން އަންނަ އިރު އެކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރަން ފަށައިފި އެވެ.

"އައްޑޫ ލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމަށް ހުރަސްތައް ކުރިމަތި ކުރަމުން އަންނަނީ ސަރުކާރުގެ މިނިސްޓަރު ފެންވަރުގެ ބޭފުޅުންނެވެ.

އަދި މިކަންކަން ހައްލުކުރުމުގައި އައްޑު އަށް ނިސްބަތްވާ ސަރުކާރުގެ މެމްބަރުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބެމުން ނުދާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ގަމާއި ކޮލަމްބޯ އާއި ދެމެދު ސީދާ ދަތުރުފެށުމަށް ސްރީލަންކަން އެއާލައިންސްއިން 2014 ވަނަ އަހަރުވެސް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެފަހަރުވެސް ވަނީ ދަތުރުތައް ހުއްޓުވާފައެވެ.

ގަމާއި ލަންކާ ދެމެދު އަލުން ދަތުރުފެށުމަށް އެއާލައިންއިން މަސައްކަތް ފަށާފައިމިވަނީ ގަމުގެ އެއާޕޯޓް ތަރައްޤީގެ ފުރަތަމަ މަޝްރޫއު ނިމި މިމަހުގެ ތެރޭގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ބައިނަލް އަގްވާމީ އުދުހުންތަކަށް ހުޅުވޭ ވަރަށް ރަންވޭ ތަރައްޤީ ކުރެވުމާއި ގުޅިގެން އައްޑޫ އެއާޕޯޓްސް ކޮމްޕެނީ އާއި ސްރީލަންކަން އާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށްފަހުއެވެ.

ސްރީލަންކަންގެ ރިޒަވޭޝަން އިއްޔެއިން ފެށިގެން ގަމާއި/ ކޮލަމްބޯ އާއި ދެމެދު ހަދަން ފަށާފައިވާ އިރު ދަތުރުތައް ބޭއްވިޔަ ނުދޭން ގިނަ ފިއްތުން ތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި ސްރީލަންކަންގެ ދަތުރަށް ހުރަސްއަޅަމުންދާ ކަމުގެ މައުލޫމާތު ރައީސްއާއި ހަމައަށްވެސް ވަނީ ގެންދެވިފައެވެ.

އައްޑޫ އެއާޕޯޓުން ބައިނަލް އަގްވާމީ ދަތުރުތައް ފެށޭނެ ކަމަށް އައްޑޫގެ ގިނަ ރައްޔިތުން ގަބޫލެއް ނުކުރެއެވެ. ސަބަބަކީ އެއްވެސް ސަރުކާރަކުން އައްޑޫ ރައްޔިތުންގެ ކުރިއެރުމަކަށް ނޭދޭތީކަމަށް މިސިޓީގެ ރައްޔިތުން ދަނީ ބުނަމުންނެވެ. އެހެންވެ އިއްޔެ ރިޒަވޭޝަނަށް ހުޅުވާލުމާއި އެކުހެން ގިނަ ރައްޔިތުން ބުނަމުން ދިޔައީ ކޮންމެވެސް ބަހަނާއެއް ކުރިމަތިކޮށް ދަތުރު ހުއްޓުވާނެކަމަށެވެ.

"އައްޑޫގައި އޮންނާނީ "ބައިނަލްއަގްވާމީ ނަންބޯޑު އެއާޕޯޓެއް" އެނުން ގޮތަކަށް މިކަމެއް ނުވާނެ. ކޮންމެ ސަރުކާރެއް އޮތަސް އައްޑޫ ރައްޔިތުންނަށް ތި ފަސޭހައެއް ނުދޭނެ" އައްޑޫ ރައްޔިތަކު ބުންޏެވެ.

އައްޑޫގައި ފަތުރުވެރިކަން ހިންގުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އައްޑޫއަށް ދަތުރުކުރެވޭ އަގު ބޮޑުވުމެވެ. ގެސްޓް ހައުސް ހިންގާ ފަރާތްތަކަށާއި އައްޑޫގައި ހިންގާ ރިސޯޓްތަކަށް ފަތުރުވެރިން ދަތުުރު ކުރަމުން ދަނީ މާލެ އަތޮޅުގައި ހަފްތާއެއްހާ ދުވަހުގެ ޗުއްޓީއެއް ފަތުރުވެރިންނަށް ހޭދަކުރެވޭ ވަރުގެ އަގަކަށެވެ. އެހެންވެ ފަތުރުވެރިން އައްޑޫއަށް އައުމަށް ދެކޮޅު ހަދައެވެ.

ސްރީލަންކަންގެ ދަތުރުފެށުމަށް ކުރަމުންދާ ތައްޔާރީގެ ތެރެއިން މި މަހުގެ 20 ވަނަ ދުވަހު އެއާލައިން ޓިކެޓް އޮފީހެއް ހުޅުވުމަށްވެސް ވަނީ ނިންމާފައެވެ.