ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓުގައި ދިވެހި ގައުމީ ދިދަ ވިހުރުވާލައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަނުން ސްޕޮންސަކޮށްގެން ކުރި މިދަތުރު ގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާޕާސަން އަދި ވިޔަފާރިތަކަށް ހާއްސަ ކޮންސަލްޓެންސީގެ ހިދުމަތް ދޭ އެފްޖޭއެސް ކޮންސަލްޓިންގެ ވެރިޔާ ފަރީހާ ޝަރީފް، އެފްޖޭއެސްގެ ސީއީއޯ ހާމިދު ސޯދިގު އަދި ޔޫއެންޑީޕީގައި މަސައްކަތްކުރާ އަބްދުﷲ ވަހީދު އެވެ.
އެވަރެސްޓުގެ ބޭސް ކޭމްޕަށް މިދިޔަ ހޯމަ ދުވަހު ތިން ދިވެހިން އަރާފައިވާއިރު ބައިވެރިން ބުނެފައިވަނީ މިއީ ދުވަހަކުވެސް ދެކެފައިވާ ވަރުގެ މަންޒަރެއް ނޫން ކަމަށެވެ. މި ބުރަ، ބޮޑު ދަތުރު ބައިވެރިން ފަށާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ.
މިފަދަ ކަމަކަށް ކުރީގައި އެއްވެސް ތަޖުރިބާއެއް ކޮށްފައި ނުވާ ދިވެހި ބައިވެރިންނަށް އެވަރެސްޓުގެ ބޭސް ކޭމްޕަށް އެރިފައިވަނީ ގާތްގަނޑަކަށް 9 ދުވަހުގެ ބުރަ މަސައްކަތުންނެވެ. ދިވެހި ގައުމީ ދިދައިގެ އިތުރުން މޯލްޑިވިއަންގެ ނަމާއި ލޯގާ ޖަހާފައިވާ ޓީޝާޓް އަދި ބެނާ އެ މީހުން ވަނީ މައުންޓް އެވަރެސްޓްގެ އެ ހިސާބަށް ގެންގޮސްދީފަ އެވެ.
އެވަރެސްޓަށް އެރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ ދުވަހަކު އެތައް ބަޔަކު ނޭޕާލަށް ދަތުރުކޮށް ފަށާ ދަތުރެކެވެ. ބޭސް ކޭމްޕު އަމާޒަކަށް ހަދައިގެން ގިނަ ބަޔަކު ދަތުރު ފަށާއިރު އެހާހިސާބަށް ދެވެނީވެސް ވަރަށް ބޮޑު ބުރަތަކެއް އުފުލުމަށް ފަހުގައެވެ.
ކަނޑުގެ ލޮނުގަނޑުން ފެށިގެން 5،364 މީޓަރަށް އެރުމަކީ އެއްވެސް ހާލަތެއްގައި ފަސޭހަކަމެއް ނޫނެވެ. ހާއްސަކޮށް ފަރުބަދައަކަށް ވާތީ ގާތަކުގެ ތެރޭގައި ހިނގަން ޖެހުމާއި މައްޗަށް އަރާ ވަރަކަށް ނޭވާ ލާން އުނދަގޫ ވުމަކީ ދަތުރުވެރިން ތަހައްމަލު ކުރަން ޖެހޭ ބުރައެކެވެ.
މައްޗަށް އެރިވަރަކަށް ދަތުރުގެ އަސަރު ކުރަމުން ދިޔަ ކަމަށާއި އެންމެ ބޮޑުވަރު ވެފައިވަނީ ހާމިދަށެވެ. އޭނާއާއި އެއްކޮށް ދަތުރުކުރި ފަރީހާ މައުލޫމާތުދީފައިވާގޮތުން ހާމިދަށް ވަނީ އާންމުކޮށް އުސް ތަންތަނަށް އަރާ ބައެއް މީހުންނަށް ދިމާވާ މައުންޓް ސިކްނެސް އާއި ކުރިމަތިލާފައެވެ. ނަމަވެސް އެނބުރި ކަތަމަންދޫއަށް ގޮސް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ހާލު ވަނީ ރަނގަޅު ވެފައިކަމަށް ފަރީހާ ބުނެފައިވެއެވެ.
މީގެއިތުރުން ފަރީހާ ބުނެފައިވަނީ މިއީ އޭނާގެ ހަޔާތުގައިވެސް ކުރި އެންމެ ބުރަ ދަތުރު ކަމަށާއި ދަތުރު ފުރިހަމަ ކުރެވުމުން ބަޔާން ކުރަން ދަތި އުފަލެއް ލިބިފައިވާކަމަށެވެ. އެވަރެސްޓުގެ އެކި ހިސާބުތަކަށް މީގެ ކުރިންވެސް ދިވެހިން ވަނީ އަރާފައެވެ.