Last Updated: May 19, 21:03
Sunday, May 19, 2024
ރިޕޯޓް

އެމްއާރްޑީސީން "އޮޅުވާލައިގެން" ފައިސާ ނަގަނީ!

"ކަލޭމެންނަށް ހިދުމަތް ނުދެވޭ ކަަމަށް ވަންޏާ މިކަން ހުއްޓާލާ. އަހަރެމެން ބުރި ބިންދައިގެން ހޯދާ ފައިސާ ނުހައްގުން ފޭރި ގަންނަނީ. ހަފުތާ އަކު ތިން ދުވަހު ކުނި ނަގާނެ ކަމަށް ބުނެ ރަޖިސްޓްރީ ކުރުވައިގެން ކޮންމެ މަހަކު ސަތޭކަ ފަސްސާސް ނުވަ ރުފިޔާ ނަގައިގެން ކުނި ނަގާކަށް ދަނީކީ ނޫން. ހަމަ ނުހައްގުން ފައިސާ ފޭރި ގަންނަނީ،" މިއީ އިއްޔެ ހިތަދޫގައި ހުންނަ އެމްއާރްޑީސީގެ އޮފީހަށް ބިލް ދައްކަން ދިޔަ ހިތަދޫ ރައްޔިތަކު އޮފީސް ތެރޭގައި އަޑު ގަދަކޮށް ކުރި ޝަކުވާއެކެވެ. "ތި ގޮތަށް ތި ލާރި ރައްޔިތުންގެ އަތުން ފޭރިގެން ތި ފައިސާ ކަލޭމެންނަށް ހަލާލެއް ވެސް ނުވާނެ."

މިއީ އެންމެ ރައްޔިތެއްގެ ދުލުން ބޭރުވި ޝަކުވާތަކެއް ނަަމަވެސް، މިއީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ގޭބިސީތަކުގެ ހުރިހާ ރައްޔިތުންގެ ޝަކުވާ އެވެ.

އައްޑޫގެ ހުރިހާ ގޭބިސީއަކުން މި ޝަކުވާތައް ކުރަމުން އަންނަ އިރު އަދި މިހާތަނަށް އެމްއާރްޑީސީގެ އެއްވެސް ވެރިއަކު މިކަމަށް ޖަވާބުދާރީވެފައެއް ނުވެ އެވެ.

ހަފްތާއަކު ތިން ދުވަހު ކުނި ނަގަން ފައިސާ ދެއްކި ފަރާތްތަކުން ބުނީ ގިނަ ފަހަރު ހަފްތާއަކު އެއްދުވަހުވެސް ކުނި ނުނަގާކަމަށެވެ.

މިކަމާއި ގުޅިގެން "އައްޑޫ ލައިވް"އިން ފާއިތުވި ދެ މަސް ދުވަހުގެ ތެރޭ ތަފާތު ފަހަރު މަތިން އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހަލީމްއަށާއި ޑެޕިއުޓީ ދެ މެނޭޖިން ޑިރެކްޓަރުންނަށް ތަފާތު ފަހަރު މަތިން ގުޅައި، އަދި އެސްއެމްއެސް ފޮނުވައިގެން ވެސް ވަނީ ޖަވާބު ނުދެއްވައިފައެވެ.

އެމްއާރްޑީސީގެ ބަހެއް ހޯދުމަށް އެކުންފުނީގެ މީޑިއާ އޮފިޝަލް ޝާރިފް މުހައްމަދުއަށް ގުޅަާތާ ހަފްތާއެއް ފަހުން ފޯނަށް ޖަވާބު ދެއްވައި ވިދާޅުވީ ޖެހިގެން އަންނަ ދުވަހު ރަސްމީ ޖަވާބެއް ދެއްވާނެ ކަަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް ވަނީ ޖަވާބެއް ނުލިބިފައެވެ.

އައްޑޫގެ ގެތަކުން އުފެދޭ ކުނި ނަގާނެކަމަށް ބަލައި މަގުމައްޗަށް ނެރެފައި ހުންނަތާ ހަފްތާއެއްހާ ދުވަސް ވެގެންދާއިރުވެސް ކުނި ނަގާކަށް ނާދެއެވެ.

އެމްއާރްޑީސީ އައްޑޫ ސައިޓްގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ރައްޔިތުން ގުޅުމުން ދޭ ޖަވާބަކީ، ވެހިކަލް ނެތުމުން އެކަން ނުކުރެވޭނެ ކަމަށެވެ. އެއަދަދަށް ފައިސާ ނަގަނީ ކީތްވެގެންތޯ ރައްޔިތުން ސުވާލު ކުރުމުން ދޭ ޖަވާބަކީ އެއީ މާލެއިން ވެރިން އަންގާ ގޮތް ކަމަށެވެ.

0_143443837611537803_10206795467825526_465108628585732456_n_news

ކުނީގެ މައްސަލަ ބޮޑުވެ، ބޮޑު އަދަދަކުން ފައިސާ ނަގަމުން އަންނައިރު، މުޅި ނިޒާމް އޮތީ އޮޅުން ބޮޅުމެއްގެ ތެރޭގައެވެ.

ކުނި ނަގާނެ ހަރުދަނާ ނިޒާމެއް ނެތް އިރު ކުނި އަރުވައިގެންދާ ލޮރީ ތަކުން ކުނި ކޮތަޅުތައް މަގުމައްޗަށް ވެއްޓިފައި ހުންނަ މަންޒަރުވެސް ބައެއް ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

އެމްއާރްޑީސީން ހަފްތާއަކު ތިން ދުވަހު ކުނި ނެގުމަށް ނަގާ އަގު ބޮޑު ކަމުގެ ޝަކުވާ އާއި އެއްވަރަށް ކުނި އުކާނުލެވޭ ކަމުގެ ޝަކުވާވެސް ބޮޑެވެ. މިހާރު އައްޑޫގެ ގިނަ ގޭގޭގެ ކުރިމަތިން ފެންނަ މަންޒަރަކީ ކުނި ޖަމާކޮށް ނުނަގައި ހުންނަ މަންޒަރެވެ.

ރައްޔިތުންގެ މިޝަކުވާ އަހާނެ، ބަލާނެ ބަޔަކު އެބަތިބި ހެއްޔެވެ؟