Last Updated: May 1, 17:37
Wednesday, May 1, 2024
ވިޔަފާރި

ބީއެމްއެލް ސެލްފް ސާވިސް އަންނަ ހަފުތާގައި އައްޑު އަށް

ފައިސާއާއި ޗެކު ޖަމާކުރެވޭ ގޮތަށް ހަދާފައި ހުންނަ ސެލްފް ސާވިސް އޭޓީއެމްގެ ޚިދުމަތް ހަފްތާއެއްގެ ތެރޭގައި އައްޑޫގައި ފެށޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

ސެލްފް ސާވިސް އޭޓީއެމްގެ ޚިދްމަތް އަތޮޅުތެރެއަށް ފުޅާ ކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންނަ ހަފްތާތެރޭގައި ހުޅުވަނީ ހިތަދޫ އަދި ގަން ބްރާންޗްގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތަކެވެ.

ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑިރެކްޓަރ މުހައްމަދު ޝަރީފް "އައްޑޫލައިވް"އަށް ވިދާޅުވީ، އައްޑޫގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދްމަތް ފުޅާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ މަސައްކަތްތައްކަމަށެވެ. މި ޚިދުމަތް ފެއްޓުމަށް މަސައްކަތް ކުރިއަށް ގެންދެވުނު ދުވަސްވަރު ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ މި މުއްދަތުގައި ކަސްޓަމަރުންނަށް ލިބުނު ދަތިކަމުގައި ކަސްޓަމަރުން ދެއްވި އެއްބާރުލުމަށާއި އެހީތެރިކަމަށް ޝަރީފް ވަނީ ޝުކުރު ދަންނަވާފައެވެ.

bml3

ޝަރީފް ވިދާޅުވީ އައްޑޫގައި ހުޅުވިގެންދާ ސެލްފް ސާވިސް އޭޓީއެމްތަކުން 24 ގަޑިއިރު ފައިސާ އާއި ޗެކް ޖަމާކޮށް ފައިސާ ނެގެން ފެށުމުން ބްރާންޗްގެ ކައުންޓަރުން ޚިދުމަތް ހޯދުމަށް ދާ ކަސްޓަމަރުން މަދުވެ، ކިއު ކުޑަވެގެންދާނެކަމަށެވެ.

"އަޅުގަނޑުމެން އައްޑޫގައި މި ހިދްމަތް ފަށަން މިއުޅެނީ، އައްޑޫ ރައްޔިތުންނަކީ މިފަދަ ޓެކްނޮލޮޖީތަކާއި ވަރަށް ރައްޓެހި ބަޔަކަށްވެފައި، ގިނަ އަދަދެއްގެ ކަސްޓަމަރުން މިހާރުވެސް ޚިދުމަތް ހޯދާ އަތޮޅަކަށްވާއިރު މީގެ ސަބަބުން ކަސްޓަމަރުންގެ ވަގުތު ސަލާމަތްވެ، ފަސޭހަކަމާއި ރައްކާތެރިކަމާއި އެކު ފައިސާ ޖަމާކޮށް، ނެގޭނެ އިންތިޒާމް ހަމަޖެހިގެންދާނެ"

"އަޅުގަނޑުމެން މިބަލަނީ މި އޭޓީއެމްތަކާއި އެކު ބްރާންޗްތަކަށް ޚިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުން މަދުވެ، ބްރާންޗްގައި އޮންނަ ކިއޫ ކުޑަވެ، ބޭންކުން ފޯރުކޮށްދޭ އެހެނިހެން ހިދްމަތް ކައުންޓަރުތަކުން ލުއި ފަސޭހަކަމާއެކު ހޯދޭނެކަމަށް. މިސާލަކަށް ބޭންކްގެ ތަފާތު ލޯނާއި ގުޅޭ ކަންކަމާއި، ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން ފަދަ އެހެނިހެން ކަންކަން ކުރުމުގައި މުވައްޒަފުންނަށް ކަސްޓަމަރުންނާއި އެކު ގިނަވަގުތު އެހީތެރިކަން ފޯރުކޮށްދެވޭނެ"

އައްޑޫގައި އިތުރަށް ކުރުމަށް ނިންމާފައިވާ އިންވެސްޓްމަންޓާ ގުޅޭގޮތުން ޝަރީފް އިތުރަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބްރާންޗްގައި ސެލްފް ސާވިސް އޭޓީމް ބަހައްޓާފައި އަދި އައްޑުގައި ކުރިއަށް ގެންދާ އިންވެސްޓްމަންޓް ހުއްޓާ ނުލަން، އަޅުގަނޑުމެން މިދަނީ ސިޓީ ކައުންސިލާއި އަދި ކަމާއި ބެހޭ އެހެން ފަރާތްތަކާއި ވާހަކަ ދައްކަމުން ހިތަދޫގެ މެދުތެރޭގައި އިތުރު އޭޓީއެމްއެއް ބެހެއްޓުމަށް، އެތަނަށް ބޭނުންވާ އޭޓީއެމް މިހާރު ވަނީ އައްޑޫއަށް ފޮނުވިވެސް ފައި"

ޝަރީފް ވިދާޅުވީ ކައިރި މުސްތަގްބަލެއްގައި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ހަދާފައިވާ އޭޓީއެމް ސެލްފް ސާވިސް ސެންޓަރަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އައްޑޫގައި މިހާރުވެސް ބޭންކް އޮފް މޯލްޑިވްސް 3 ބްރާންޗާއި 5 އޭޓީއެމް ވަނީ ބަހައްޓާފައެވެ. ގަން ބްރާންޗަކީ ބީއެމްއެލްއިން ރާއްޖޭގައި ހުޅުވި ދެ ވަނަ އަށް ހުޅުވި ބްރާންޗެވެ. މާލެ ފިޔަވައި އެއް އަތޮޅަކަށް ބަލާއިރު އެންމެ ގިނަ ބްރާންޗާއި އެޓީއެމް މިހާރުވެސް ހުރީ އައްޑޫ އަތޮޅުގައެވެ.