Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ބަނޑަށް ޖެއްސުމާ ދެކޮޅަށް މުޒާހަރާ ކުރަންޖެހޭ: ނިޔާޒް

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު. ފޮޓޯ: ރާއްޖެ އެމްވީ

ބަނޑަށް ޖެއްސުމާއި ދެކޮޅަށް މުޒާހަރާ ކުރަންޖެހޭ ކަމަށާއި އެހެން ނޫނީ ދެން ހުރި އެހީތައް ވެސް ކަނޑާލާނެކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި އަލީ ނިޔާޒް ވިދާޅުވީ، ކާޑްގެ ސަބްސިޑީ ކަނޑާލައި، ކާޑްގެ އަގު ބޮޑު ކުރި މައްސަލާގައި ރައްޔިތުން ނުނިކުމެއްޖެނަމަ ސަރުކާރުން ދެން ހުރި ހުރިހާ އެހީތަކެއްވެސް ކަނޑާލާނެކަމަށެވެ.

ނިޔާޒް ވިދާޅުވީ މިކަމާއި ރައްޔިތުން މަޑުން ތިބެއްޖެ ނަމަ ސަރުކާރުން ރައްޔިތުންގެ މައްޗަށް ކުރަމުން އަންނަ ހުރިހާ ހަރަދެއް ހުއްޓާލާނެ ކަމަށެވެ. އެގޮތުން ކާޑުގެ އަގުބޮޑުވުމާ ދެކޮޅަށް ރައްޔިތުން ނުނިކުމެއްޖެ ނަމަ ކުރިއަށް އޮތް ތަނުގައި، ފޮތް ފަންސުރު ގަތުމަށް ދޭ ސަބްސިޑީ އާއި މަތީ ތަޢުލީމު ހާސިލް ކުރުމަށް ދޭ އެހީއަށް އެހެން އެހީތައް ވެސް ކަނޑާލާނެ ކަމަށެވެ.

ސަރުކާރުން އެ ފަދަ ބަދަލުތައް ގެންނަމުންދަނީ، ސަރުކާރުން ކޮންމެ ފަދަ ކަމެއް ކުރިޔަސް އެކަމާ ދެކޮޅަށް ރައްޔިތުންނަށް އިހްތިޖާޖް ކުރަން ނުކެރޭނެ ކަމުގެ ޔަގީންކަން އޮންނާތީ ކަމަށާއި އެހެންވެ، ހުކުރު ދުވަހު ބާއްވާ ބޮޑު އެއްވުމުގައި ރައްޔިތުންގެ ޝުއުރު ދައްކާލުން މުހިންމު ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ކާޑް އަގުބޮޑުވުމާއި ގުޅިގެން ބޮޑު މުޒާހަރާއަކަށް އިދިކޮޅު އިއްތިހާދުން އަންނަނީ ތައްޔާރު ވަމުންނެވެ.