އެމެރިކާގެ ޓީވީ ޑްރާމާތަކުގައި ހަރަކާތްތެރިވާ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު މުސާރަ ލިބޭ ފަންނާނުންގެ ނަންތައް އިއުލާންކޮށްފި އެވެ.
އެ ލިސްޓުގެ އެންމެ މަތީގައި ވާދަކުރަނީ ހެއްވާ މަޖާ ޑްރާމާއެއް ކަމަށްވާ ދަ ބިގް ބޭންގް ތިއަރީއިން ފެނިގެންދާ ތަރިންނެވެ.
ވެރައިޓީއިން ވަނީ ޓީވީ ޑްރާމާ އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންގެ ސާވޭއެއް ހަދާފައެވެ. އަދި އެއަށްފަހު އެންމެ ހުނަރުވެރި ތަރިން ޓީވީގައި އެކްޓް ކުރުމަށް ޑިމާންޑްކުރާ ފީތަކަކީ ކޮބައިތޯ ބެލިއެވެ.
ބިގް ބޭންގްގެ ތަރިން ކަމަށްވާ ޖިމް ޕާސަންސްއާއި، ކެލީ ކުއޯކޯއާއި ޖޯނީ ގަލޭޗީއަށް ލިބެނީ ކުޅޭ ކޮންމެ އެޕިސޯޑަކަށް އެއް މިލިއަން ޑޮލަރެވެ. އެއީ 786،000 ޕައުންޑްއެވެ.
ލިސްޓުގެ ދެވަނައިގައި އޮތީ ގިލްމޯ ގާލްސްގެ ލޯރެން ގްރަހަމްއާއި އެލެކްސިސް ބްލެޑެލް އެވެ. އެއިން ކޮންމެ މީހަކަށްވެސް ކުޅޭ ކޮންމެ އެޕިސޯޑަކަށް 750،000 ޑޮލަރު ލިބެއެވެ.
މަންމައާއި އަންހެން ދަރިފުޅާ ބެހޭގޮތުން ހަދާފައިވާ މި ޑްރާމާގެ އާ ބައެއް މި އަންނަ މަހު ނެޓްފްލިކްސްއަށް އަންނާނެއެވެ. އެއީ އަހަރުގެ ކޮންމެ މޫސުމަކަށް އެއް އެޕިސޯޑުވާހެން ހަތަރު އެޕިސޯޑްގެ ސީޒަންއެކެވެ.
އާދަޔާ ޚިލާފަށް މޮޅު ސައިންސްވެރިންގެ ގްރޫޕެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ދަ ބިގް ބޭންގް ތިއަރީ ގެ މިހާރު ކުރިއަށްދަނީ 10 ވަނަ ސީޒަންއެވެ.
އެ ޑްރާމާގެ ކޮންމެ އެޕިސޯޑަކަށް ނުވަ މިލިއަން ޑޮލަރު ޚަރަދުވާކަމަށް ބުނެއެވެ. އޭގެއިން ދެބައިކުޅަ އެއްބައި ދަނީ ތަރިންގެ މުސާރައަށެވެ.
ރިއަލިޓީ ޝޯތަކާއި، ވާހަކަ އަދި ޚަބަރު ޝޯތަކުގެ ތެރެއިން އެއް ވަނައަށް ދިޔައީ ޖަޖް ޖޯޑީއެވެ. އޭނާއަށް ކޮންމެ އަހަރެއްގެ މައްޗަށް 47 މިލިއަން ޑޮލަރު ލިބޭކަމަށް ވެއެވެ. ޖޯޑީގެ ފަހަތުގައި އޮތީ ޓުޑޭ ޝޯއިން ފެންނަ މެޓް ލައުއާއެވެ. އޭނާއަށް އަރަކު 22 މިލިއަންއާއި 25 މިލިއަންއާއި ދެމެދުގެ އަދަދަކަށް މުސާރަ ލިބެއެވެ. ލިސްޓުގައި ދެން އޮތީ 20 މިލިއަން ޑޮލަރުގެ އާމްދަނީއާއި އެކު އެލެން ޑީޖެނެރެސް އެވެ.
ޓީވީ ޑްރާމާގައި މަސައްކަތްކުރާ ފަންނާނުންގެ ތެރެއިން ދެން އެންމެ މަތިން މުސާރަ ލިބޭ މީހުންގެ ތެރޭގައި އެންސީއައިއެސްގެ މާކް ހާމަން ހިމެނެއެވެ. އޭނާއަށް ލިބެނީ ކޮންމެ އެޕިސޯޑަކަށް 525،000 ޑޮލަރެވެ.
ލިސްޓުގެ އެންމެ ފަހަތުގައި އޮތީ ހައުސް އޮފް ކާޑްސްގެ ކެވިން ސްޕޭސީއެވެ. އޭނާއަށް ކޮންމެ އެޕިސޯޑަކަށް 500،000 ޑޮލަރު ލިބޭކަމަށް ލަފާކުރެވެއެވެ.
ވެރައިޓީއިން އަންދާޒާ ކުރާ ގޮތުގައި ގޭމް އޮފް ތުރޯންސްގެ ކާސްޓް މެމްބަރުން ކަމަށްވާ ޕީޓާ ޑިންކްލޭޖު، ލީނާ ހީޑީ، ކިޓް ހެރިންގްޓަން، އެމީލިއާ ކްލާކް އަދި ނިކޮލާއި ކޯސްޓާ-ވަލްޑައު އަށްވެސް ލިބެނީ ކޮންމެ އެޕިސޯޑަކަށް 500،000 ޑޮލަރެވެ.