ނުފެނިގެން ހޯދަމުންދާތާ ފަސް އަހަރުވީ އިޓަލީ މާފިއާގެ ބޮޑު މީހެއް އޭނާގެ ގޭގައި ފިލައިގެން އޮތްވާ ފެނިއްޖެ ކަމަށް އިޓަލީގެ ފުލުހުން ބުނެފި އެވެ.
ފަންސާސް ހަތަރު އަހަރުގެ އެންޓޯނިއޯ ޕެއްލޭ އޭނާގެ ކޮޓަރިއާއި ފާހާނާއާއި ދެމެދު ފިލާފައިއޮތްވާ އޭނާ އެތަނުން ނެރެވުނީ އެތައް ގަޑިއިރަކުންނެވެ. އެއަށްފަހު ފުލުހުން އޭނާ ހައްޔަރުކުރިއެވެ.
"މަންމަ"ގެ ނަމުން މަޝްހޫރުވެފައިވާ ޕެއްލޭ އެނެމެ ފުރަތަމަ ހައްޔަރު ކުރެވުނީ 2008 ވަނަ އަހަރުގައެވެ. އެހެންނަމަވެސް އޭނާ ވަނީ ތިން އަހަރު ފަހުން ހޮސްޕިޓަލަކުން ފިލާފައެވެ.
އޭނާ މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެ ސްމަގަލް ކުރާކަމަށް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް 20 އަހަރުގެ ޖަލުގެ ހުކުމެއް އަންނާނެއެވެ.
"އަހަރުމެންގެ 50 މީހުންވެގެން ޕެއްލޭ ކުރީއްސުރެވެސް އުޅެމުންދިޔަ ދެ ބުރީގެ ވިލާ ބަލައި ފާސްކުރީ. އެކަމަކު ވަރަށް ބޮޑަށް ސަމާލުކަން ދީގެން އޭނާ ފިލާފައި އޮތް ތަން ފެނުނީ"، ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި ފުލުހުންގެ ކޮމާންޑަރު ފްރެންޗެސްކޯ ރެޓާ ބުންޏެވެ.
އޭނާގެ ކޮޓަރީގައި ހުރީ ފަންކާއަކާއި، ގޮދަޑިއަކާއި، ބައެއް ފެންފުޅިތަކާއި ފައިސާއެވެ. އޭނާ އެ ގޭގައި އުޅޭތާ ކިހާ ދުވަހެއް ވެއްޖެކަން އަދި ސާފެއް ނުވެއެވެ.
ބުނެވޭ ގޮތުގައި ޕެއްލޭ އަކީ އިސް ސަފުގައި އުޅޭ ކުށުގެ އާއިލާގެ ބޮޑެކެވެ. އަދި އޭނާއާއި އިދިކޮޅު ގްރޫޕަކާ ޖެހުނު މައްސަލައެއްގައި 2007 ވަނަ އަހަރު ޖަރުމަނުގެ ރެސްޓޯރެންޓެއްގައި ހަ މީހުން ވަނީ މަރުވެފައެވެ.