ސެޕްޓެމްބަރު މަހުގައި ދުނިޔޭގެ ކާބޯތަކީގެ އަގު މައްޗަށް ދިޔުމުގެ މައިގަނޑު ސަބަބަކީ ހަކުރުގެ އަގު ބޮޑުވުން ކަމަށް އދ ގެ ކާބޯތަކެއްޗާއިބެހޭ އޭޖެންސީއިން ބުނެފި އެވެ.
ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ) ގެ ކާބޯތަކެތީގެ އިންޑެކްސްއިން ދައްކާ ގޮތުގައި އަހަރުން އަހަރަށް ކާބޯތަކެތީގެ އަގުތައް ދަހީ 10 އިންސައްތަ އިތުރުވަމުން ކަމަށާއި، އޮގަސްޓް މަހުގައި ކާބޯތަކެތި 2.9 އިންސައްތައަށް އަގުބޮޑުވި ކަމަށެވެ.
އެހެންނަމަވެސް، އެފްއޭއޯ އިން ބުނާގޮތުގައި އަގުތައް ކޮންމެވެސް ވަރަކަށް ދަށުގައި އުޅޭ ކަމަށާއި އަދި ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރު ސްޓޭބަލް ކަމަށެވެ.
"ސެޕްޓެމްބަރުގައި އަގުތައް މައްޗަށް ދިޔައީ ހަކުރުގެ ސަބަބުން"، އެފްއޭއޯގެ ސޭނިއާ އިކޮނޮމިސްޓް ވިދާޅުވިއެވެ.
އެފްއޭއޯގެ އިންޑެކްސްއިން ބަލަނީ ކޮންމެ މަހަކުވެސް މަހާއި، ކިރުގެ ޕްރޮޑަކްޓްސްތަކާއި، ސީރިއަލްއާއި، ތަރުކާރީ ތެލަށާއި ހަކުރުގެ އަގަށް އަންނަ ބަދަލަށެވެ.
އެ އިންޑެކްސް ސެޕްޓެމްބަރު މަހު އޮތީ އެވަރޭޖްކޮށް 170.9 ޕޮއިންޓްގައެވެ. އަދި އޮގަސްޓް މަހުގައި އެއަށްވުރެ 2.9 އިންސައްތަ މަތީގައެވެ. އެއީ 2015 އަހަރުގެ މާޗު މަހުން ފަށައިގެން މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ މަތީ އަދަދެވެ.
ހަކުރުގެ އަގު އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހާއި ދެމެދު 6.7 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށާއި، އެއީ ދުނިޔޭގެ އެންމެ ގިނައިން ހަކުރު އުފައްދާ އެކްސްޕޯޓް ކުރާ ޤައުމު ކަމަށްވާ ބްރެޒިލްގެ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
އެއްގަމު މަހާއި، ޑެއިރީ އަދި ތެލުގެ އަގުތައްވެސް މައްޗަށް ގޮސްފައިވާއިރު، ސީރިއަލްގެ އަގުތައް ވަނީ ފުދޭވަރަކަށް ދަށަށް ގޮސްފައެވެ.
އެފްއޭއޯގެ ސީނިއާ އިކޮނޮމިސްޓް ބީބީސީއަށް ދިން އިންޓަވިއުގައި ބުނެފައިވަނީ ކުރިއަށް ހުރި މަސްތަކުގައިވެސް އަގުތައް މަޑުމަޑުން މައްޗަށް ދާނެކަމަށް އޭނާއަށް ލަފާކުރެވޭ ކަމަށެވެ.
"އަގުތައް މަތިވުމަކީ ދަނޑުވެރިންނަށް ވަރަށް ރަނގަޅު ކަމެއް، އެކަމަކު ގަންނަ މީހުންނަށް ރަނގަޅު ކަމެއް ނޫން"، އޭނާ ބުންޏެވެ.
އެފްއޭއޯ އިން ބުނީ ކުރިއަށް އޮތް އަހަރުގައި ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރުގެ އަގުތައް ޖުމްލަކޮށް އެއްވަރެއްގައި ހިފަހައްޓާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.