ބަޢާވާތަށް ފަހު އައްޑޫގެ ތަރައްޤީ ވަނީ 10 އަހަރު ފަހަތަށް ގޮސްފައި ކަމަށް އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ ކުރިން އައްޑޫގެ ފެނާއި ނަރުދަމާގެ ހިދްމަތް ފޯރު ކޮށްދިނުމަށް އުފެއްދި ކުންފުނި އެސްޔޫއެލްގެ ރިޒާވްގައި 6 މިލިއަން ރުފިޔާ ހުރިކަމަށެވެ. ނަމަވެސް އެ ފައިސާ މިހާރު މަރުކަޒީ ކުންފުންޏެއް އުފައްދައި އެއަށް ނަގާފައިވާ ކަމަށެވެ.
"ބަޢާވާތުގެ ސަރުކާރު ގާތު އަހަލާން ބޭނުންވަނީ އެބޭފުޅުންނަށް ލިބުނު ފައިދާއަކީ ކޮބައިތޯ ސަދަން ޔޫޓިލިޓީ ކުންފުނި އުވާލާއިގެން. ފެބްރުއަރީ 7 ވަނަ ދުވަހު، ބަޣާވާތުގެ ދުވަހަު، އެދުވަހު އަޅުގަނޑު ހަނދާންވަނީ އެކުންފުނީގެ ރިޒާވްގައި ފަސް ހަ މިލއަން ރުފިޔާ ބެހެެއްޓުނު"
ނަޝީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުން އުފެއްދި 7 ޔޫޓިލިޓީ ކުންފުނީގެ ތެރެއިން އެންމެ ކާމިޔާބް އެއް ކުންފުންޏަކީ އެސްޔޫއެލް ކަމަށެވެ. އަދި އެ ކުންފުނިން އައްޑޫގެ ތަރައްޤީޤެ ބޮޑެތި މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންގޮސް ބަޢާވާތާއި ހިސާބުން އެކުންފުނީގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
ނަޝީދު ވިދަޅުވީ އެމްޑީޕީގެ އައްޑޫގެ ތަރައްގީގެ ޕްލޭންގައި ހިތަދޫ ރީޖަނަލް ޕޯޓަކީ ވަރަށް މުހިއްމު ތަނެއް ކަމަށެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގައި އެ ބަނދަރުގެ ފައިދާ އައްޑޫ ރައްޔިތުންގެ އިތުރުން ދެކުނުގެ ހަތަރު އަތޮޅު ރައްޔިތުންނަށް ކުރި ކަމަށެވެ.
"ބަޢާވާތުގެ ކުރީ ދުވަހުވެސް ހުވަދު އަތޮޅުގައި ހަދަމުން ދިޔަ ރިސޯޓްތަކަށް ބޭނުންވާ ސާމާން ބާލަމުން އައީ ހިތަދޫ ރީޖަނަލް ބަނދަރަށް. އެތަނަށް ބާލައިގެން އޮޑި ފަހަރުތަކުގައި ދޯނިފަހަރުތަކުގައި އެ ތަންތަނަށް ގެންދިޔައީ. އެ މުދާ ގެން ގޮސްފައިވަނީ ހުވަދޫއަށްވެސް، ފުވައްމުލަކަށްވެސް އަދި މި ސިޓީގެ އެހެން އަވަށްތަކަށްވެސް. މި މަސައްކަތުން އުފެދޭ މަޖޫރީ މަސައްކަތުން އުފެދޭ އިގްތިސޯދީ ހަރަކާތް އެއީ އައްޑޫގެ ކުރިއެރުމަށްވެސް އަދި ތަރައްޤީއަށް ވެސް ނުހަނު ބޭނުންތެރިކަމެއް"
ނަޝީދު ވިދާޅުވީ މާލެ ވެސް ތަރައްޤީވެގެންދިޔައީ މިފަދަ މަޖޫރީ މަސައްކަތުން ކަމަށެވެ.
ހިތަދޫގައި ބިނާ ކުރުމަށް ހަމަޖެހިަފއިވާ ހޮސްޕިޓަލަށް އަަލިއަޅުވަމުން ނަޝީދު ވިދާޅުވީ އެ ހޮސްޕިތަލުގެ މަސައްކަތަކީ 2011 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ފެށި މަސައްކަތެއް ކަމަށާއި 2011 ގައި ލޯން އެއްބަސްވުމުގައި ސޮއިކޮށް 2012 އަހަރު މަސައްކަތް ފައްޓާ 2013 ވަނަ އަހަރު ނިންމަން އޮތް ޕްރޮޖެކްޓެއް ކަމަށެވެ. ނަަމަވެސް ބަޤާވާތުގެ ސަރުކާރު ބަދަލުކުރުމުން އެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
"އަޅުގަނޑެއް ގަބޫލެއް ނުކުރަން އިންތިހާބުގެ ކުރިން ހޮސްޕިޓަލްގެ މަސައްކަތް ފެށޭނެކަމަށް. ނަމަވެސް ބިންގާ ނޭޅޭނެ ވާހަކައެއް ނުދަންނަވަން" ނަޝީދު ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި ގަމުގެ އެއާޕޯޓާއި ބެހޭގޮތުންވެސް ނަޝީދު ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން އެއާޕޯޓް ތަރައްޤީކުރުމަށް ޕްލޭން އެކުލަވާލައި އެމަސައްކަތްވެސް ކުރިއަށް ގެންދަނިކޮށް އެކަންވެސް ހުއްޓިފައިވާ ކަމަށް ވިދާޅުވެ އެކަންވެސް ކުރެވޭނީ އެމްޑީޕީ ސަރުކާރަށް ކަމަށް ވިދާޅުވިއެވެ.
ނަޝީދު އިތުރަށްވިދާޅުވީ އައްޑޫގެ ތަރައްޤީއަށް އެމްޑީޕީން ރާވާފައިވާ އެއްވެސް ކަމެއް ހުއްޓައެއް ނުލާނެކަމަށެވެ. އަދި އައްޑޫ ސިޓީ ފުރިހަމަ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމަށް މަސައްކުރައްވާނެކަމަށެވެ. ނަމަވެސް ބަޢާވާތުގެ ސަރުކާރާހެދި އައްޑޫގެ ތަރައްޤީ 10 އަހަރު ފަހަތަށް ޖެހިފައިވާކަމަށް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ނަޝީދުގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް އާއި މެދު ދާިރާގެ މެމްބަރ މެޓްރިކްސް މޯޑްވެސް ވާހަކަ ދެއްކެވިއެވެ.