ރާއްޖޭގެ ބާޒާރަށް އައި ބަދަލާއި ގުޅިގެން ހިތަދޫގެ އެތެރޭގެ ޓެކްސީ ދަތުރުތަކުގެ އަގު 25 ރުފިޔާއަށް މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.
ހިތަދޫގެ ޓެކްސީ ހިދްމަތް ދޭ ވިޝަން ޓެކްސީ އާއި މެގަ ޓެކްސީ އަދި މައިޓެކްސީން ހިދްމަތްދޭ އަގު ބަދަލުކޮށްފައި ވަނީ މިތިން ޓެކްސީ ސެންޓަރުގެ ޑްރައިވަރުން އެކުގައި ބޭއްވި ބައްދަލުވުމަކަށް ފަހު ހުރިހާ ޑްރައިވަރުންގެ ތާއިދާ އެކުއެވެ.
އައްޑޫ ސިޓީ ކައުންސިލުން ހިތަދޫގެ އެތެރޭގެ ދަތުރުގެ އަގުކަމަށް 25 ރުފިޔާ ހަމަޖެއްސި ނަމަވެސް ޓެކްސީ ތަކުން އަގު ބޮޑު ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ދަތުރުކޮށްފައިވަނީ 20 ރުފިޔާއަށެވެ.

ހިތަދޫގެ ތިން ޓެކްސީ ސެންޓަރުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ބާޒާރުގެ އަގަށް އައި ބަދަލަކާ ގުޅިގެން 7 އޮކްޓޫބަރު 2016އިން ފެށިގެން ހިތަދޫގެ އެތެރޭގައި ކޮށްދެމުން އައި ދަތުރުގެ އަގަށް ނަގާނީ އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ އަގު ލިސްޓުގައިވާ ގޮތަށް 25ރ. އެވެ.
ޓެކްސީ ޑްރައިވަރުން ބުނީ އަގު ބޮޑު ކުރަން ޖެހުނީ މަގުތައް ރަނގަޅުފެންވަރަކަށް ހަދައި ނުދިނުމުގެ ސަބަބުން ވެހިކަލްތަކުގެ މެއިންޓަނެންސް ބޮޑުވުމާއި، ކާބޯތަކެތީގެ އަގަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ކަމަށެވެ.