Last Updated: May 7, 21:21
Wednesday, May 7, 2025
ސިޔާސީ

ގެދޮރު ކުއްޔަށްދޭ މީހުން ސަބްސިޑީ ކާޑު ނުކާނެ: ޝައިނީ

ކާޑަށް ސަރުކާރުން ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާލުމާއި ގުޅިގެން މާލޭގެ ކުއްޔަށް ދޭ އިމާރާތްތަކުގެ ކުލި ބޮޑު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ރޭ ވެލާނާ ގޭގައި ބޭއްވި ނޫސް ކޮންފަރެންސްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިނީ ވިދާޅުވީ "ގެދޮރު ކުއްޔަށްދޭ ފަރާތްތަކުން ސަބްސިޑީދޭ ކާޑް ކާނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށާއި، އެއީ ދެކޮޅު ނުޖެހޭ" ކަމެއް ކަމަށެވެ.

ޝައިނީ ވިދާޅުވީ ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ނިކަމެތި ރައްޔިތަކަށް އެއްވެސް ގެއްލުމެއް ނެތްކަމަށެވެ.

"ސަބްސިޑީ ފޯމު ފުރުއްވައިގެން ކުރިއަށް ގެންދިއުމުން އެފަރާތްތަކަށް ސަބްސިޑީ ލިބޭނެ، އޭގެ އެއްވެސް ގެއްލުމެއް ނިކަމެއްޗަކަށް ނެތް"

ކާޑްގެ އަގު ބޮޑުވުމާއި ގުޅިގެން ބާޒާރުގެ އަގަށް ބޮޑެތި ބަދަލުތަކެއް ވަނީ އަންނަން ފަށާފައެެވެ. އެގޮތުން މާލޭގައި ކުއްޔަށް ދިރިއުޅެމުންދާ ފަރާތްތަކުގެ ކުލި ބޮޑުވުމުގެ މައްސަލަ ވަނީ ފެންމަތިވެފައެވެ.

ޝައިނީ ވިދާޅުވީ ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ބައެއް ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނެގުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

ކާޑް އަގުބޮޑުވުމާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިތް ހަމަނުޖެހުން ދަނީ ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި ސަރުކާރަށް ތާއިދު ކުރާ ރައްޔިތުންވެސް ހިމެނެއެވެ.