Last Updated: July 17, 18:07
Friday, July 17, 2026
ރިޕޯޓް

އާޝޫރާ ދުވަހުގެ ހަމައެކަނި ހާއްސަ ކަމަކީ ރޯދަ

މުޙައްރަމް މަހުގެ ތެރޭގައި އަންނަ އާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވައި އިތުރުކަމެއް ކުރާކަށް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަންގަވާފައި ނުވާކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ އާޝޫރާ ދުވަހު ފެންވަރައި އަނދުން އެޅި މީހާ އެ އަހަރުގެ ތެރޭގައި ލޮލު ރޯގާއެއް ނުޖެހޭނެ ކަމަށް ބުނާ ވާހަކަ އާއި، އެދުވަހުގައި ބައްދަލުވާހާ ބަޔަކާ ސަލާންގަލާން ކުރުމުގެ މާތްކަމާ ބެހޭގޮތުން އެއްވެސް ޞައްޙަ ހަދީސްފުޅެއް ނެތް ކަމަށެވެ.

އަދި ޢާޝޫރާ ރޭގައި ޢާޝޫރާ ދުއާ ކީ މީހަކު އެ އަހަރު މަރު ނުވާނެ ކަމަށް ބައެއް މީހުން ގަބޫލް ކުރާ ގަބޫލް ކުރުންތަކާއި އެރޭ އަޅުކަންކުރާ އިރު މޫސާގެފާނުގެ ވާހަކަ އައިސްފައިވާ ޤުރުއާނުގެ ސޫރަތްތައް ކިޔެވުމާ ބެހޭ ގޮތުން ވެސް ރަސޫލާގެ އަރިހުން ޞައްޙަ އެއްވެސް ބަސްފުޅެއް ނެތް ކަމަށް ޚުތުބާގައި ބުންޏެވެ.

އިބްނު ތަމިއިއްޔާ ރަޙިމަހުﷲ ވިދާޅުވާ ގޮތުގައި ޢާޝޫރާ ވިލޭރެއަކީ އެއްވެސް ޙާއްޞަކަމެއް ލިބިގެންވާ ރެއެއް ނޫނެވެ. އެހެންވެ އެ ރޭ ވަކި ނަމާދެއް ކުރަން އަންގަވާފައި ނުވާ ކަމަށާއި، އެކަމާ މެދު ވާހަކަފުޅު ދައްކަވަމުން ޢިލްމުވެރިން ޢާޝޫރާ ދުވަހު އަޅުކަމުގެ ގޮތުގައި ކުރާކަމެއްގެ ގޮތުގައި އެ ދުވަހު ރޯދަހިފުން ނޫން އެހެން އަޅުކަމެއް އޮތް ކަމަކަށް އެބޭކަލުންނަށް އެނގިވަޑައިނުގަންނަވާ ކަމަށް ޚުތުބާގައި ބުންޏެވެ.

ashura-2

ޚުތުބާގައި އަދި ބުނީ އެގޮތަށް ކުރާ ގިނަ ކަންތައްތަކަކީ އިސްލާމް ދީނާ ހިލާފަށްއުޅޭ ބައެއް މަޒްހަބުތަކުގެ އަހުލުވެރީންނާއި އިސްލާމް ދީނުގެ ދުޝްމަނުން ދީނުގެ އަސްލު އުސޫލުތައް އޮޅުވާލުމަށްޓަކައި ދީނީ ކަންކަންކަމަށް ހަދައިގެން މުސްލިމުންގެ ތެރެއަށް ތައާރަފްކޮށްފައިވާ ކަންތައްތައް ކަމަށެވެ.

ޚުތުބާގައި ބުނީ ރަސޫލު ﷲގެފާނު ޢާޝޫރާ ދުވަހުގައި ރޯދަ ހޮފުން ވަނީ ސުންނަތެއް ކަމުގައި ލައްވާފައި ކަމަށެވެ.

އެއީ މޫސާގެފާނާއި އެކަލޭގެފާނަށް އީމާންވީ މީހުން ފިރްޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކޮށް ދެއްވި ކަމަށްޓަކައި ޝުކުރު ވެރިވުމުގެ ގޮތުން ކަމަށް ޚުތުބާގއި ބުންޏެވެ.

އާޝޫރަ ދުވަހަކީ މުހައްރަމްގެ މަހުގެ 10 ވަނަ ދުވަހެވެ.