އަދާލަތު ޕާޓީގެ ފޭދޫ ގޮފީގެ ރައީސް އަބްދުﷲ ރަފީޤު ރޭ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
ފަސް އަހަރަށް ވުރެ ގިނަދުވަހު އަދާލަތު ޕަތީގެ ފޭދޫގޮފީގެ ރައީސް ކަން ކުރެއްވި ރަފީޤް އެމްޑީޕީ އަށް ސޮއި ކުރީ ރޭ އެޕާޓީން ފޭދޫގައި ބޭއްވި ޖަލްސާގައިއެވެ.
ސޮކުރުމަށް ފަހު ރަފީޤްވަނީ ޖަލްސާގައި ވާހަކަ ދައްކާފައެވެ. އެގޮތުން ރަފީގް ވިދާޅުވީ މިހާރު އަދާލަތު ޕާޓީއެއް ނެތް ކަމަށައި މިހާރު އޮތީ ޖަހާލަތު ޕާޓީ ކަމަށެވެ.
"މިހާރު ނެތް އިގޭތޯ އަދާލަތު ޕާޓީއެއް މިހާރު އޮތީ ޖަހާލަތު ޕާޓީ. އަދި ޕާޓީގެ މަިހާރުގެ ރައީސް އަކީ މައިދަރިވަކުރަން ނޭގޭ މީހެއް" ރަފީގް ބުންޏެވެ.
ރަފީގްވަނީ އަދާލަތު ޕާޓީގެ ރައީސު އިމްރާނަށް ފާޑުކިޔާފައެވެ. އަދި އެމްޑީޕީ އާއި ގުޅުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވަ ކަމަށް ބުންޏެވެ. އަދި މިހާރު މިއޮތް ސަރުކާރަށް ވަރަށް ހުތުރުކޮށް ފާޑުކިއެވެ.
ރޭގެ ބައްދަލުވުމުގައި ރަފީޤްގެ އިތުރުން ބައެއް އެހެން މީހުންވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.