އެމެރިކާގެ އިޤްތިޞާދުން ވަނީ ނިމުނު ސެޕްޓެމްބަރު މަހުގައި 156،000 ވަޒީފާ އުފައްދާފަ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައިފި އެވެ.
އެހެން ނަމަވެސް މިއީ އަންދާޒާ ކުރިވަރަށްވުރެ ކުޑަ އަދަދެކެވެ.
މިދިޔަ އޮގަސްޓު މަހު 151،000 ގައި އަލަށް އުފެއްދުނު ވަޒީފާގެ އަދަދު އޮތްއިރު، ފަހުން އެ އަދަދު ވަނީ 167،000 އަށް އިޞްލާޙް ކުރެވިފައެވެ. އެއީ މުޅި އަހަރުގެ އެވަރެޖް ކަމަށްވާ 180،000 އަށްވުރެ ކުޑަ އަދަދުތަކެކެވެ.
ވަޒީފާ އަދާ ނުކުރާ ރޭޓް ވަނީ 5% އިން 4.9% އަށް ދަށަށް ގޮސްފައެވެ. އެއީ ގިނަ މީހުން ވަޒީފާ ހޯދުމަށް މަސައްކަތް ކުރުމުގެ ސަބަބުންނެވެ.
އެމެރިކާގެ ޑިޕާޓްމެންޓް އޮފް ލޭބާ އިން ބުނީ ޕްރޮފެޝަނަލް، ވިޔަފާރި އަދި ބޭސްފަރުވާގެ ދާއިރާތަކުން ވަޒީފާތައް ވަނީ އިތުރުވެފައި ކަމަށެވެ.
އެކަމާއި ގުޅިގެން ޑޮލަރުގެ އަގު ކުޑަކޮށް ދަށްވި ނަމަވެސް، ފަހުން ވަނީ ހަމައަކަށް އެޅިފައެވެ.
2016 ވަނަ އަހަރު އުފެދެމުން އަންނަ ވަޒީފާތަކުގެ އަދަދު 2015 އަށްވުރެ ވަރަށް ބޮޑުތަން ދަށެވެ. 2015 ވަނަ އަހަރު އެވަރެޖްކޮށް މަހަކު 229،000 އުފެދިގެން ދިޔައެވެ.