Last Updated: June 26, 19:20
Friday, June 26, 2026
ސިޔާސީ

ކާޑުގެ ސަބްސިޑީ ކަނޑާލެވޭނީ ހެޔޮ އެދޭ ވެރިއަކަށް އެކަނި: ޝައިނީ

ކާޑުގެ ސަބްސިޑީ ކަނޑާލަން ނިންމުމަކީ ގައުމަށް ހެޔޮއެދޭ ވެރިއަކަށް ނޫނީ ކުރަން ނުކެރޭނެ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ދިފާއު ކުރެއްވުމުގައި ބުަކޮށް މަސައްކަތް ކުރައްވަމުން އަންނަ ޝައިނީ ވިދާޅުވީ ގައުމު ދަރަންދެންވެސް ސަބްސިޑީ ދެވިދާނެ ކަމަށާއި، ނަމަވެސް މިފަދަ ނިންމެއް ނިންމަވަން ކެރިވަޑައިގަންނަވާނީ ގައުމަށް ހެޔޮ އެދޭ ވެރިއަކަށް އެކަނި ކަމަށެވެ.

ޝައިނީ ވިދާޅުވީ ސިޔާސީ ގޮތުން ބަލާނަމަ ގައުމު ދަރަންދެން ސަބްސިޑީ ދީދީ ތިބުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން އިގްތިސާދީ ގޮތުން ގައުމު ރަނގަޅު ނުކުރެވޭނެ ކަމަށެވެ.

އިގްތިސާދީ ގޮތުން ރާއްޖެ ދަނީ ކުރިއަށް ކަމަށާއި، ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތު ފެއިލް ނުވާކަމަށް ބުނެ ޝައިނީ ވަނީ ސަބްސިޑީ ކަނޑާލުން ވަރަށް ބޮޑަށް ދިފާއު ކުރައްވާފައެވެ.

ކާޑް ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ބާޒާރުގެ އަގުތައް ވަނީ އުފުލެން ފަށާފައެވެ. އަދި ބައެއް ވިޔަފާރިވެރިން ވަނީ ކާޑް ވިއްކުން ހުއްޓާލާފައެވެ.

ކާޑް ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މުޒާހަރާ ކުރަމުން އަންނަ އިރު ވެރިކަން ކުރާ ޕީޕީއެމްގެ އިސް ބައެއް ވެރިންވެސް ވަނީ ސަބްސިޑީ ކަނޑާލުން ކުށްވެރި ކޮށްފައެވެ.