އެމެރިކާގައި ސެމްސަންގްއިން ރަނގަޅުކޮށް މަރާމާތުކޮށްފައި ދިން ގެލެކްސީ ނޯޓް 7 ގެ ދެވަނަ ފޯނެއްގައި އަލިފާން ރޯވެއްޖެ ކަމަށް އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.
ބެޓަރީގައި މައްސަލަޖެހި، ފޯންތައް ހަލާކުވާ މައްސަލައިގައި ސެމްސަންގްއަށް ވަނީ އާ މޮޑެލްތައް ދޫކުރަން މަޖުބޫރުވެފައެވެ.
ކެންޓަކީގެ މީހަކު ބުނީ އޭނާ ހޭލިއިރު މުޅި ކޮޓަރި ދުމުން ފުރިފައިވުމުން "ބިރަށް މަރުނުވީ ކިރިޔާ" ކަމަށެވެ.
މި ހާދިސާ ހިނގާފައި މިވަނީ މިދިޔަ ބުދަ ދުވަހު ސައުތުވެސްޓް އެއާލައިންސްގެ ފްލައިޓެއްގައިވެސް މަރާމާތުކޮށްފައިވާ ނޯޓް 7 ގެ ފޯނެއް ގޮވާފައިވަނިކޮށެވެ.
"އެ ފޯނަކީ ހަލާކުވި ފޯނުގެ ބަދަލުގައި ދިން ފޯނެއް. އެހެން ހީކުރެވޭނީ އެއީ ރައްކާތެރި އެއްޗެއްކަމަށް"، ކެންޓަކީގެ ނިކޮލަސްވިލް އަށް ނިސްބަތްވާ މައިކަލް ކިންގް ޑަބްލިއުކޭވައިޓީ ޗެނަލްއަށް ދިން ބަސްދީގަތުމެއްގައި ބުންޏެވެ.
އޭނާ ބުނީ އޭނާގެ ފޯން ރޯވިއިރު ފޯން އޮތީ ޗާޖަށްވެސް ނުޖަހައި ކަމަށެވެ.
ބީބީސެ އުތުރު އެމެރިކާގެ ޓެކްނޮލޮޖީ ރިޕޯޓަރު ޑޭވް ލޭ ބުނަނީ ސެމްސަންގްއަށް މިހާރު ކުރިމަތިވެފައި ވަނީ ވަރަށް "ފުލް-ބްލޯން" މައްސަލައެއް ކަމަށާއި، އެންމެ ފަހުގެ ޚަބަރުތަކުގެ ސަބަބުން އެ ކުންފުނިން އާންމު ރައްޔިތުން ރައްކާތެރި ކުރެވޭނެ ކަމާއިމެދު ޝައްކު އުފެދޭ ކަމަށެވެ.
ނޯޓް 7 ގެ ގިނަ އަދަދެއްގެ ފޯންތައް ގޮވާ މައްސަލަ ސެޕްޓެމްބަރު މަހުގައި ފެންމަތިވެ ވަނީ ވަރަށް ގަދައަށް ހޫނުވެފައެވެ. އެކަމަކު ސެމްސަންގް އިން ވަނީ އެކަން ދިމާވުމަށް މެދުވެރިވާ މައްސަލަ ހޯދައި ހައްލުކޮށްފައިވާ ކަމަށް ބުނެފައެވެ.