Last Updated: July 1, 23:10
Wednesday, July 1, 2026
ރިޕޯޓް

ގޭގައި ވަގުތު ހޭދަ ކުރޭ؛ އުފާވެރިކަން އިތުރުކޮށް ދޭނެ

ބައެއް ފަހަރު ގިނަ މީހުންނަށް ހީކުރެވެނީ އާއިލާއާއިއެކު މަޖާކޮށްލުމަށްޓަކައި ދުރުތަނަކަށް ޗުއްޓީ ހޭދަކޮށްލަން ދިޔުންފަދަ ކޮންމެވެސް ތަފާތު، އާ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް އާ ދިރާސާއަކުން ވަނީ ދުވަސްކޮޅަކަށް އެއްވެސް ތަނަކަށް ދިޔުމަށް ނިންމާފައި ނުވާ އާއިލާތަކަށް އުފާވެރި ޚަބަރެއް ގެނެސްދީފައެވެ. އާ ދިރާސާއިން ދައްކާގޮތުގައި ގޭގައި ހޭދަކުރާ ހުސްވަގުތަކީ ދިގުހުރި، ރަނގަޅު، އަސްލު އުފާވެރިކަން ހާސިލްކޮށްދޭ ކަމެއްކަމަށެވެ.

އާދެ، ދަރިންނާއިއެކު އާ ތަޖުރިބާތައްކޮށް، އާ ތަންތަނަށް ޒިޔާރަތް ކުރުމަކީ ގުޅުން ބަދަހި ކުރުމަށް ވަރަށް ރަނގަޅު ކަމެކެވެ. އެހެންނަމަވެސް، ބޭލާ ޔުނިވާސިޓީގެ ދިރާސާވެރިން 1،500 މީހުންގެ މައްޗަށް އެމީހުން މިދިޔަ އަހަރު ތެރޭގައި ހުސްވަގުތުތަކުގައި އާއިލާއާއިއެކު ކުރި ކަންތައްތަކާއި ބެހޭގޮތުން ދިރާސާކުރިއިރު، ހޯދުނު ގޮތުން ގޭގައި މަޑުކޮށް އާންމު ކުރާ ކަންތައްތައް ކުރި މީހުން، ބޭރަށް ގޮސް ތަފާތު ހަރަކާތްތަކުގައި ބައިވެރިވި މީހުންނަށްވުރެ މާ އުފާވެރިއެވެ.

"އެއީ ވެދާނެ ސިކުނޑި ސަމާލުވަނީ އާ މަޢުލޫމާތު ނަގައިގަތުމަށް ކަމަށް- މިސާލަކަށް ނުދަންނަ ބަޔަކާއިއެކު ނުދަންނަ ކަމެއް ކުރުން- އާއިލާގެ ގުޅުންތަކަށް ސަމާލުކަން ދިނުމަށްވުރެ ސިކުނޑީގެ ބާރު ކުޑަވޭ"، ކުޑަކުދިންނާއި އާއިލާއާއި ބެހޭ ދިރާސާތަކުގެ އެސިސްޓެން ޕްރޮފެސާ ޑރ. ކެރެން ކޭ. މެލްޓަން ނޫސް ކޮންފަރެންސެއްގައި ބުންޏެވެ.

ކުރިން ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި މީހުން އެންމެ ބޮޑަށް މަސްއޫލުވެ އުޅެނީ ޤަވާއިދުތަކަކުން ބަނދެވިފައިވާފަދަ ޙަރަކާތްތަކުގައި ބައިވެރިވާއިރުގައެވެ. ކަމަކާއި މަސްއޫލުވުމަކީ އުފާވެރިކަން ހާސިލްކުރުމަށް ބޭނުންވާ ތިންކަމުގެ ތެރެއިން އެއްކަމެވެ. އަނެއް ދެކަމަކީ ޖަޒުބާތާއި މާނަކުރުމެވެ.

ހުސްވަގުތުގައި ކުރާ ހުރިހާ ކަންތައްތަކަކީވެސް އެ ތިން ކަން ހާސިލްކޮށްދެވޭފަދަ ކަންކަމެވެ. އަދި އާއިލާގެ ތެރޭގައި ހިތްހަމަޖެހުން ޤާއިމްކޮށްދޭ ކަމެއް ކަމަށްވެސް މެލްޓަން ބުނެއެވެ.

މެލްޓަން ފާހަގަކުރި ގޮތުގައި އެކުގައި ކެއުމަކީ އާއިލާގެ ގުޅުން ބަދަހި ކުރުމަށް އެންމެ ރަނގަޅު އެއްކަން ކަމަށެވެ. އަދި ޓީވީބެލުން ފަދަ ކަންކަމަށް އޭނާ އެހާ ބޮޑަށް ތާއީދެއް ނުކުރެއެވެ. އެހެންނަމަވެސް އާއިލާގެ ހުރިހާ އުމުރެއްގެ މީހުންނާއިވެސް ގުޅޭފަދަ ކަންތައް ކުރުމަކީ އުފާވެރިކަން ހާސިލްކުރުމަށްޓަކައި ކުރުމަށް މެލްޓަން ލަފާއަރުވާ ކަމެވެ.

"ބައެއް އާއިލާތަކަށް ކޮލިޓީކޮށް އެކުގައި ވަގުތު ހޭދަކޮށްލުމަކީ ކެއުން ނުވަތަ ގޭމް ކުޅުން. އެހެން މީހުން އެ ވެދާނެ ހޮބީ، ވީޑިއޯ، ޓީވީ ނުވަތަ މިއުޒިން އަޑުއެހުންކަމަށް. ކޮންމެހެންވިޔަސް، ހަޤީގަތަކީ އަހަރެމެންނަކީ އެކުގައި ގުޅިގެން އުޅުމަށް ބޭނުންވާފަދަ ބައެއްކަން"، މެލްޓަން ބުންޏެވެ.

މެލްޓަން އެންމެ ފަހުން ބުނި ގޮތުގައި އެކުގައި ކުޅެ މަޖާކުރާ އާއިލާއަކީ އަބަދުވެސް އެކުގައިވާނެ އާއިލާއެއް ކަމަށެވެ. އެކަމަކު އަސްލު ކުޅޭ ވަގުތުގައި މަޖާކުރާއިރު، ހުރިހާ ޙަރަކާތްތަކަކީ އެއް ހަމައެއްގައިވާ ކަންތައްތަކެއް ނޫނެވެ.