އުފާވާން ބޭނުން ނުވާނީ ކާކުތޯ އެވެ؟ އެހެން ނަމަވެސް ބައެއް ފަހަރު ދިރިއުޅުމުގައި ކާމިޔާބީ ހާސިލް ކުރުމަށްޓަކައި އެދެވިގެން ނުވާ ގޯސް ކަންތައްތަކެއް އެންމެންނަށް ވެސް ކުރެވޭ ފަހަރު ފަހަރު އާދެ އެވެ. އެ ކަންކަމުގެ ސަބަބުން އުފާވެރިކަން ބިނާކޮށް، ދަމަހައްޓަން އުނދަގޫވެ އެވެ.
1. ކަންނެތްކަން

ގޭތެރެ ސާފުކުރުން ލަސްކުރުމާއި ފެންވަރަން ލަސްކުރުންފަދަ ކަންކަމަކީ މާ ބޮޑު މައްސަލައެއް ކަމަށް ހީނުކުރެވިދާނެއެވެ. އެހެންނަމަވެސް، އެފަދަ ކޮންމެ ކަމެއްވެސް ފަހަށް ލަސްކުރާއިރު، ކަންނެތްވާ މިންވަރު އިތުރުވެގެންދެއެވެ. އޭގެސަބަބުން މީހާގެ ސްޓްރެސް ލެވެލް މައްޗަށް ދެއެވެ.
އަބަދުވެސް އުޅެން ޖެހޭނީ ކޮންމެވެސް ކަމެއް ނުވެގެން ހާސްކަން މަތީގައެވެ. އެހެންކަމުން މީހާ މަސައްކަތް ކުރާ މިންވަރު ކުޑަވެފައި، ސިކުނޑިވެސް ކޮންމެވެސް ވަރަކަށް ކަންނެތްވެއެވެ. މިއަދު ކުރަން އޮންނަ ކަމެއް މާދަމާއަށް ލަސްކުރުމަކީ މީހާގެ އުފާވެރިކަން ގެއްލުވައިދޭ ކަމެކެވެ. އެހެންކަމުން އަބަދުވެސް ގަޑިން ގަޑިއަށް މަސައްކަތް ކުރަން އާދަކުރާށެވެ.
2. އަމިއްލަ މީހާއަށް ބަދުބަސް ބުނުން

ތިމާގެ އަމިއްލަ ނަފްސާ ދިމާލަށް ބަދުބަސް ބުނުމަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަން ހުރީ ކިހާވަރަކަށްކަން ދައްކުވައިދޭ ކަމެކެވެ. އަމިއްލަ ނަފްސާއިމެދު އެހާ އިތުބާރެއް ނެތްނަމަ، އަމިއްލަ ނަފްސަށް އެއްޗެހި ގޮވުމަކީ އާދައެކެވެ. ތިމާގެ ސިކުނޑީގައި ހިނގާ ކަންތައްތައް ދެނެގަނެ، ރަނގަޅު ޚިޔާލުތައް ވިސްނާ އެއާއި އެއްގޮތަށް ޢަމަލުކުރުމަކީ ރަނގަޅު ކަމެކެވެ. އެހެންނަމަވެސް ގިނަ މީހުންނަކީ އަމިއްލަ ނަފްސު ކުޑަކޮށްލާ، ދެރަކުރުވާފަދަ އެއްޗެހި ކިޔާ މީހުންނެވެ. އޭގެ ބަދަލުގައި ރަނގަޅު ކަންކަމާއިމެދު ވިސްނާ، ނެތް އެއްޗެހީގެ ބަދަލުގައި ތިމާއަށް ލިބިފައިވާ ނިޢުމަތްތަކާއިމެދު ޝުކުރު ކުރާ މީހަކީ އުފާވެރި މީހެކެވެ.
3. ސިކުނޑިއަށް އަރާމް ނުދިނުން

ކޮންމެ މީހެއްގެ ސިކުނޑީގައިވެސް، އެންމެ ބާރުގަދަ ކޮމްޕިއުޓަރަށް ރައްކާކުރެވޭނެ ވަރަށްވުރެ މާ ގިނަ މަޢުލޫމާތު ރައްކާކުރެވެފައި ވެއެވެ. އެހެންނަމަވެސް، ސިކުނޑިއަށް މާގިނަ މަސައްކަތްތައް ދިނުމަކީ ސިކުނޑި ނުތަނަވަސްވާ ކަމެކެވެ. އެއްފަހަރާ މާގިނަ ކަންތައްތަކާއިމެދު ވިސްނުމަކީ މީހާ ހާސްވާ ކަމެކެވެ.
ކޮންމެވެސް ވަރަކަށް ސިކުނޑިއަށް މަސައްކަތް ދިނުމަކީ ރަނގަޅުކަމަކަށް ވިޔަސް، މާ ބޮޑަށް އެކަން ކުރުމަކީ ދުޅަހެޔޮ ކަމެއް ނޫނެވެ. މާގިނައިން ވިސްނުމުގެ ސަބަބުން ހިތް އަވަސްވެ ނޭވާލާން އުނދަގޫވާ ގޮތް ވާނެއެވެ. އޭގެ އިތުރުން ކާ އެއްޗެހި ހަޖަމްކުރުމަށާއި، ރޭގަނޑު ނިދުމަށް އުނދަގޫވާނެއެވެ. އޭގެ ސަބަބުން މީހާގެ އުފާވެރިކަން ކުޑަވެގެން ދެއެވެ.
ވީމާ، އުފާވެރިކަން އިތުރުކުރަން ބޭނުންނަމަ، މިއަދުގެ ކަންތައްތައް މާދަމާއަށް ލަސް ނުކުރާށެވެ. އެއިރުން މީހާއަށް އަންނަ ޕްރެޝަރު ކުޑަވާނެއެވެ. އޭގެއިތުރުން އަމިއްލަ މީހާއަށް ބަދުބަސް ނުބުނާށެވެ. އެފަދަ ޚިޔާލުތައް އަންނަނަމަ، އެއަށް ސަމާލުކަން ނުދޭށެވެ. އެއިރުން އެ ޚިޔާލުތައް މަޑުމަޑުން ފޮހެވިގެން ދާނެއެވެ. ހަމަ އެއާއިއެކު، ސިކުނޑިއަށް ބޭނުންވާ ވަރަށް އަރާމް ދޭށެވެ. މިހުރިހާ ކަމެއް ރަނގަޅަށް ކޮށްފިނަމަ، އުފާވެރިކަން އިތުރުވެގެންދާނެއެވެ.