ޝަންގްރިއްލާ އާއި ގުޅިގެން ސ. ގަމުގެ އެއާޕޯޓްގެ އެގްޒެކެޓިވް ލައުންޖް ހެދުމަކީ ގަން އެއާޕޯޓްގެ ވިޔަފާރިއަށް އޮތް އެންމެ ރަނގަޅުގޮތް ކަމަށް އައްޑު އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ (ޝާޑް) ވިދާޅުވެއްޖެ އެވެ.
ޝާޑް މިހެން ވިދާޅުވީ 17 ވަނަ ސާކް ސަމިޓަށް ބިނާކުރި ގަމުގެ ވައިގެ ބަނދަރުގެ އެގްޒެކެޓިވް ލައުންޖް ޝަންގްރިއްލާ އާއި އެކު ޖޮއިންޓް ވެންޗަރ އުސޫލުން ތަރައްޤީކޮށް ބޭނުން ކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝާޑް ވިދާޅުވީ އޭއައިއޭ އިން ގަން އެއާޕޯޓާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ކުރި އިންވެސްޓްމަންޓަކީ ވެސް ވީއައިޕީ ލައުންޖެއް ތަރައްގީ ކުރުން ކަމަށެވެ. އަދި އެގޮތަށް ނިންމީ އޭއައިއޭގެ މައިގަނޑު މަގުސަދަކީ ގަން އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހިންގުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އޭގެ ތެރެއިން މި ފެނުނީ ވަރަށް ޔުނިކް ވަރަށް ވެލުއަބަލް އޮޕަޗުނިޓީއެއް. މި ލައުންޖާއި ޝަންގްރިއްލާގެ ވޯލްޑް ކްލާސް ފެސިލިޓީޒްއާ އެއްކޮށްފި ކަމަށް ވަންޏާ ޝަންގްރިއްލާ އަށް އަންނަ ވަރަށް އަގު ބޮޑު، ވަރަށް ގިނަ ފައިސާ ހަރަދުކޮށްގެން އަންނަ ވަރަށް ހައި ކްލާސް ޓޫރިސްޓުންނަށް ވަރަށް ރަނގަޅު ސާވިސްއެއް ދެވިދާނެ ކަމަށް ފެނުނީ،" ޝާހިދު ވިދާޅުވި އެވެ.
"މީގެ ސަބަބުން މުޅި އައްޑު އަތޮޅަށާއި އެއާޕޯޓްގެ ބިޒްނަސްއަށާއި އައްޑޫގެ ޓޫރިޒަމަށް ވެސް ފައިދާ ކުރާނެ."
ޝަންގްރިއްލާގެ ޖެނެރަލް މެނޭޖަރު ރެނީ ޑީ އިގްލް ވިދާޅުވީ އޭއައިއޭއާ އެކު ޝަންގްރިއްލާ އިން ފެށި މަސައްކަތުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް އެ ރިސޯޓަށް ލިބޭނެ ކަމަށެވެ.
އެގޮތުން ޝަންގްރިއްލާ އާއި އޭއައިއޭ ގުޅިގެން، އެއާޕޯޓްގެ އެގްޒެކެޓިވް ލައުންޖް ޕްރޮމޯޓްކޮށް، އިޝްތިހާރު ކުރުމަށް ވެސް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރެނީ ވިދާޅުވި އެވެ.