Last Updated: July 1, 23:10
Wednesday, July 1, 2026
ވިޔަފާރި

ގެލެކްސީ ނޯޓް 7 ފޯން އުފެއްދުން ހުއްޓާލަނީ

ފޮޓޯ: ރޮއިޓާސް

ދެކުނު ކޮރެއާގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސެމްސަންގްއިން އެ ބްރޭންޑްގެ ގެލެކްސީ ނޯޓް 7 ގެ ސްމާޓްފޯންތައް އުފެއްދުން މުޅިން ހުއްޓާލައިފިއެވެ. އެއީ އެ ކުންފުނިން މަރާމާތުކޮށް، ރައްކާތެރިކަމަށް ބަލާފައި ދިން ނޯޓް 7 ގެ ފޯންތައްވެސް ގޮވާކަމުގެ ރިޕޯޓްތައް ލިބެން ފެށުމުންނެވެ.

އެ ކުންފުނިން ވަނީ ކުރީއްސުރެވެސް ނޯޓް 7 ގެ ފޯންތައް ހަދާ މިންވަރު މަދުކޮށްފައެވެ.

މިހާރު ސެމްސަންގް ނޯޓް 7 ގެ ފޯންތައް ގެންގުޅޭ ފަރާތްތަކަށް އެ ފޯންތައް އަނބުރާ ސެމްސަންގްއަށް ރައްދުކޮށް، އެ ބްރޭންޑްގެ އެހެން ފޯނެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

މީގެ ކުރިން އެ ކުންފުނިން ވަނީ ނޯޓް 7 ގެ ފޯންތައް ވިއްކުން މުޅިން ހުއްޓާލާނެކަމަށް ބުނެފައެވެ.

"ދާދި ފަހުން އަޅުގަނޑުމެން ވަނީ ތަހުޤީގާއި ކޮލިޓީ ކޮންޓްރޯލް ކުރުމަށްޓަކައި ފޯން އުފައްދާ މިންވަރު މަދުކޮށްފައި. އެކަމަކު ކަސްޓަމަރުންގެ ރައްޔިތުން އެންމެ މުހިންމު ކަމަށް ހަދައި، އަޅުގަނޑުމެން ވަނީ ގެލެކްސީ ނޯޓް 7 އުފެއްދުން މުޅި ހުއްޓާލުމަށް ކަނޑައަޅައި ނިންމާފައި"، އެ ކުންފުނިން ބުނެއެވެ.

"ކަސްޓަމަރުންގެ ރައްކަލަކަށްޓަކައި އަޅުގަނޑުމެންވަނީ ފޯން ވިއްކުމާއި ބަދަލުކުރުން ހުއްޓާލާފައި. އަދި މިހާރު ވަނީ ފޯން އުފެއްދުންވެސް ހުއްޓާލުމަށް ނިންމާފައި."

މީގެ ކުރިން ސެމްސަންގްގެ ކޮންޒިއުމާ ޓެކް އެނެލިސްޓް ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ސެމްސަންގްއިން ޖެހެނީ ބްރޭންޑްގެ މުސްތަޤުބަލަށްޓަކައި ގެލެކްސީ ނޯޓް 7 ގެ ފޯންތައް އުފެއްދުން ހުއްޓާލަންކަމަށެވެ.

އެހެންނަމަވެސް، ދެކުނު ކޮރެއާގެ ފިނޭންސް މިނިސްޓަރު އިލްތިމާސްކޮށްފައިވާ ގޮތުގައި އެ މޮޑެލްގެ ފޯންތައް ހުއްޓާލައިފިނަމަ، ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.