Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

68 ދުވަހު ރޯދަ ހިފައިގެން އަންހެން ކުއްޖަކު މަރުވެއްޖެ

ފޮޓޯ: އުމާ ސުދިރު

ދީނީ ސަބަބުތަކަށްޓަކައި 68 ދުވަސް ވަންދެން ރޯދައަށް ހުރި 13 އަހަރުގެ އަންހެން ކުއްޖަކު މިދިޔަ ހަފްތާގައި މަރުވި މައްސަލައިގައި އެކުއްޖާގެ މައިންބަފައިންނާއި ސުވާލުކޮށް، އިންޑިއާގެ ފުލުހުން ދަނީ އެ މައްސަލަ ތަޙުޤީގު ކުރަމުންނެވެ.

ދެކުނު ހައިދަރުއާބާދުގެ ފުލުހުން ބީބީސީ ހިންދީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އަރަދަނާ ސަމްދާރިޔާއަށް ރޯދަ ހިފުމަށް މަޖުބޫރު ކުރިތޯ ނުވަތަ ނޯންތޯ ބަލަން ބޭނުންވާކަމަށެވެ.

އޭނާގެ މައިންބަފައިން ބުނާ ގޮތުގައި އޭނާ ރޯދައަށް ހުރީ އަމިއްލަ އިޚްތިޔާރުގައި ކަމަށާއި، އެއީ ޖެއިން ދީނުގައި އޮންނަ ގޮތް ކަމަށެވެ.

މި މައްސަލައިގެ ސަބަބުން ދީނީ ކަންކަމަށްޓަކައި ރޯދަ ހިފުމާއި ބެހޭގޮތުން އިންޑިއާގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.

ރިޕޯޓްތައް ބުނާގޮތުން އަރަދަނާ 68 ދުވަސްވަންދެން އުޅުނީ ހަމައެކަނި ހޫނު ފެން ބޮއެގެން ކަމަށެވެ. އޭނާ މަރުވެފައިވަނީ މިދިޔަ ހަފްތާގައި އޭނާ ރޯދަ ވީއްލިތާ ދެ ދުވަސް ފަހުންނެވެ.

މާހިރުން ޤަބޫލުކުރާ ގޮތުގައި އިންސާނާގެ ހަށިގަނޑަށް ކާއެއްޗެއްސާއި ނުލައި ދެ މަސްދުވަސް ވަންދެން ދިރިއުޅެވޭނެއެވެ.

ސިފައިންގެ ތަރުޖަމާނަކު ބުނީ މަރުވި އަންހެން ކުއްޖާގެ މައިންބަފައިންނާއި ދެކޮޅަށް ކުޑަކުދިންގެ ހައްޤުތަކާއި ބެހޭ ޖަމިއްޔާއިން މައްސަލައެއް ހުށައެޅުމާއި ގުޅިގެން އެ މައްސަލަ ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ.

އެކުއްޖާގެ މައިންބަފައިންނަކީ ހައިދަރުއާބާދުގެ ކަމުވޮށިވެގެންވާ ގަހަނާ ހެދުމާއި ވިއްކުމުގެ ވިޔަފާރި ކުރާ ބައެކެވެ. އެމީހުން ވަނީ އެމީހުން ދަރިފުޅަށް ރޯދަ ހިފުމަށް މަޖުބޫރި ކުރި ކަމުގެ ތުހުމަތުތައް ދޮގުކޮށްފައެވެ.

"އޭނާ އަހަރެމެންގެ ގާތުން ރޯދަ ހިފުމަށް ހުއްދައަށް އެދުނު. 51 ދުވަސް ފަހުން ހުއްޓާލަން ބުނިން އެކަމަކު އޭނާ ބޭނުމެއްނުވި ހުއްޓާލާކަށް. އޭނާ ރޯދަ ހިފީ އަމިއްލަ އިޚްތިޔާރުން. އެއްވެސް މީހަކު އޭނާއަށް މަޖުބޫރެއް ނުކުރޭ"، މަރުވި އަންހެން ކުއްޖާގެ ބައްޕަ ބުންޏެވެ.

އެހެންނަމެވެސް އިޖުތިމާއީ އެކްޓިވިސްޓުން ވަނީ އާއިލާގެ ވާހަކަތަކާއި ދެކޮޅު ހަދާފައެވެ.

"އެކަހަލަ ސަޤާފަތްތައް މިއަދުވެސް ވާ ކަމަކީ މުޅި ޤައުމު ލަދުގަންނަން ޖެހޭ ކަމެއް. އޭނާގެ ބައްޕަގެ ދީނީ ޢިލްމުވެރިޔާ ބުނީ އެކުއްޖާ 68 ދުވަހު ރޯދަ ހިފައިފިނަމަ، އޭނާގެ ބައްޕަގެ ވިޔަފާރިއަށް ފައިދާ ވާނެކަމަށް"، އެކްޓިވިސްޓް އަޗުޔުތު ރާއޯ ބީބީސީ ހިންދީއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

"އެ އަންހެން ކުއްޖާއަށް މަޖުބޫރު ކުރެވުނީ އިރުއެރީއްސުރެ އިރުއޮއްސެންދެން ހަމައެކަނި ފެން ބޯން. ލޮނު ނުވަތަ ލުނބޯފަދަ އެއްވެސް އެހެން އެއްޗެއް ނެތް."

ރާއޯ ވަނީ އެ އާއިލާއިން އެ ކުއްޖާގެ ޖަނާޒާ ކުރިއަށް ގެންދަން ނިންމި ގޮތާއިމެދުވެސް ފާޑު ކިޔާފައެވެ.

"އެންމެ ހައިރާންވާ ކަމަކީ އެ ކުއްޖާއަކީ އެމީހުންގެ އިލާހު ގެންދެވި ކުއްޖާއަށް ވީކަމާއިމެދު އެ އާއިލާއިން އުފާވާތީ"، އޭނާ ބުންޏެވެ.

ދިގު މުއްދަތަކަށް ރޯދަ ހިފުމަކީ ޖެއިނުންގެ ތެރޭގައި ވަރަށް މަޝްހޫރު ކަމެކެވެ.

ޖެއިނުންގެ ތެރޭގައި އޮންނަ އެހެން އާދައެއް ކަމަށްވާ "ސަންތާރާ" އަށްވެސް އެކްޓިވިސްޓުންގެ ފާޑު ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. ސަންތާރާގައި ޖެއިނުން މަރުވުމަށް ތައްޔާރުވުމަށްޓަކައި ކެއުމާއި ބުއިމުން ދުރުހެލިވެއެވެ.

ފުރާވަރުގެ ކުއްޖެއް މަރުވި މައްސަލައިގައި، އެފަދަ ލާއިންސާނީ އާދަކާދަތަށް ވަނީ އަނެއްކާވެސް މީހުންގެ ސަމާލުކަމަށް އައިސްފައެވެ. ގިނަ އަދަދެއްގެ ބަޔަކު ވަނީ ޓްވިޓާގައި އެކަމާއިމެދު ނުރުހުން ފާޅުކޮށްފައެވެ.

އެހެން ދީންތަކުގައިވެސް ރޯދަ ހިފުމަކީ އޮންނަ ކަމެކެވެ. މުސްލިމުން ރޯދަމަހު ރޯދަ ހިފާއިރު، ކްރިސްޓިއަނުން ލެންޓްގައި ރޯދަ ހިފައެވެ. އަދި އެހެނިހެން ދީންތަކުގެ މީހުންވެސް އެކި ދުވަސްވަރުގައި ރޯދަ ހިފާ އުޅެއެވެ. އެހެންނަމެވެސް ބަނޑުހައިހޫނުކަން އިންތިހާއަށްގޮސް މީހާ މަރުވާ ހިސާބަށް ރޯދަހިފުމަކީ މިއިން އެއްވެސް ދީނެއްގައި އޮންނަ ކަމެއް ނޫނެވެ.