އޯޕެކް އިން ދުނިޔޭގެ ތެލުގެ އަގުތައް ކުއްލިއަކަށް ދަށަށް ދިޔަ ދިޔުން ބަދަލުކުރުމަށްޓަކައި، ތެޔޮ އުފެއްދުން ފްރީޒްކުރުމަށް ހުށައެޅި ހުށައެޅުމަށް ރަޝިއާއިން ތާއީދު ކުރާނެކަމަށް ބުނެފި އެވެ.
އޭގެ ސަބަބުން ތެލުގެ އަގު ވަނީ އުފުލިފަ އެވެ.
"ތެޔޮ އުފެއްދުން މަދު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކަށް ރަޝިއާއިން މިތިބީ ތައްޔާރަށް. އަދި ތެޔޮ އެކްސްޕޯޓް ކުރާ އެހެން ފަރާތްތަކަށްވެސް އެގޮތަށް ކަން ކުރުމަށް ގޮވާލަން"، ރަޝިއާގެ ރައީސް ލަޑީމިއާ ޕޫޓިން ވިދާޅުވިއެވެ.
"އޯޕެކްއިން އުފެއްދުންތައް ލިމިޓް ކުރުމަށް ފެށި ފެށުމަށް އަޅުގަނޑުމެން ތާއީދު ކުރަން"، އޭނާ އިތުރަށް ވިދާޅުވިއެވެ.
ހޯމަ ދުވަހުގެ މެންދުރުފަހުން ބްރެންޓް ކްރޫޑް ތެލުގެ އެއް ބެރު 53.21 ޑޮލަރަށް ވިއްކިއިރު، އެއީ 2.5 އިންސައްތަ ބޮޑު އަދަދެކެވެ. ހަމަ އެދުވަހުގެ ހެނދުނު އެ ތެލުގެ އެއް ބެރު ވިއްކޯ 53.73 ޑޮލަރަށެވެ.
އިސްތާންބުލްގައި އޮތް ދުނިޔޭގެ ހަކަތައާއިބެހޭ ކޮންގްރެސްގައި ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ، ތެލުގެ އަގުތައް ވަނީ ދެބައިކުޅަ އެއްބަޔަށްވުރެ ދަށަށް ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ގޮސްފައިކަމަށާއި، އެއީ މާގިނައިން ތެޔޮ އުފެއްދުމުގެ ސަބަބުން ކަމަށާއި، އޭގެ ސަބަބުން އިންވެސްޓްމެންޓްތައް ދަށްވެފައިވާ ކަމަށެވެ.
ސެޕްޓެމްބަރު މަހުގައި ދަ އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީސް (އޯޕެކް) ގެ މެމްބަރުން ވަނީ އަށް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ތެޔޮ އުފައްދާ މިންވަރު މަދު ކުރުމަށް ވޯޓް ދީފައެވެ.
އެ ގްރޫޕްގެ 14 މެމްބަރު ޤައުމުތަކުން ދުނިޔޭގެ ތިންބައިކުޅަ އެއްބައި ތެޔޮ އުފައްދާއިރު، ތެލުގެ އަގު ދަށަށް ދިއުމުން ވަނީ އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައެވެ.